ކޮލަމްބޯ (ފެބްރުއަރީ 25) - ސްރީ ލަންކާގެ ކެބިނެޓަށް ރައީސް މައިތުރިޕާލާ ސިރިސޭނާ މިއަދު ގެންނެވި ބަދަލުތަކުގެ ތެރޭން ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އަށް ލޯ އެންޑް އޯޑާ މިނިސްޓަރުކަމާއި ނޭޝަނަލް ޕޮލިސީ އެންޑް އިކޮނޮމިކްސް މިނިސްޓަރުކަން ހަވާލު ކުރައްވައިފި އެވެ.
ލަންކާގެ ކެބިނެޓަށް ބަދަލުތަކެއް ގެނެސްފައި ވަނީ ދާދި ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ކޯލިޝަނަށް ލިބުނު ބޮޑު ނާކާމިޔާބީ އަށް ފަހު އެވެ. ރައީސް ސިރިސޭނާ ވިދާޅުވީ ސަރުކާރު ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ގެންނަ ބަަދަލުތަކުގެ ދަށުން ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަސް ތެރޭ ކެބިނެޓަށް އިތުރު ބަދަލުތައް ގެންނަވާނެ ކަމަށެވެ.
"ބަދަލުތައް ދެން ގެންނާނީ ސަރުކާރުގައި ހިމެނޭ ޔޫޕީއެފްއޭގެ ސައިޑުން. އެ ބަދަލުތަކާ އެކު ރައްޔިތުންނަށް ދޭ ޚިދުމަތްތައް ހަރުދަނާ ވެގެންދާނެ،" ސަރުކާރުގައި ހިމެނޭ ޖޫނިއާ ޕާޓްނަރެއް ކަމަށްވާ ސިރިސޭނާގެ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް އަށް އިޝާރާތް ކުރައްވާ ވިދާޅުވި އެވެ.
ފެބްރުއަރީ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުން ލިބުނު ނާކާމިޔާބީއާ ގުޅިގެން ސަރުކާރަށް ބަދަލުތައް ގެންނަން ވަނީ ކޯލިޝަނުގެ މެންބަރުން ގޮވާލައިފަ އެވެ. ލޯކަލް ކައުންސިލް އިންތިޚާބުން ކާމިޔާބު ހޯދީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ޕާޓީންނެވެ.
ލަންކާގެ ކެބިނެޓަށް ބަދަލުތަކެއް ގެނެސްފައި މި ވަނީ ސަރުކާރު ހިންގާ ކޯލިޝަނުގެ ތެރޭގައި ވަރަށް ބޮޑަށް މައްސަލަ ޖެހި ބޮޑު ވަޒީރުކަމުން ރަނިލް ވަކިކުރުމަށް ގޮވާލަމުން ދަނިކޮށެވެ. ނަމަވެސް ރަނިލް ފަހުން ވަނީ ދައުރު ހަމަވަންދެން ސަރުކާރުގައި މަޑުކުރަން ނިންމަވައިފަ އެވެ.