ވެއްޓުނު ބޯޓުން ސަލާމަތްވި ތިން މީހުން ފަރުވާ އަށް ފަހު ދޫކޮށްލައިފި

ކަތުމަންޑޫ (މާޗް 14) - ނޭޕާލުގެ ކަތުމަންޑޫ އެއާޕޯޓަށް ޖައްސަން އުޅެނިކޮށް ވެއްޓުނު ޔޫއެސް-ބަންގްލާ އެއާލައިންސްގެ ބޯޓުން ސަލާމަތްވި 22 މީހުންނަށް ފަރުވާ ދޭން ހޮސްޕިޓަލުގައި އެޑްމިޓްކުރި ނަމަވެސް އޭގެ ތެރޭން ތިން މީހުން ދޫކޮށްލައިފި އެވެ.


ޓްރިބުވަން އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖަރު ރާޖް ކުމާރު ޗެތުރީ ވިދާޅުވީ ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލީ ނޭޕާލުގެ ތިން މީހުން ކަމަށެވެ. އަނެއް 19 މީހުންނަށް މިހާރު ވެސް ދަނީ ހޮސްޕިޓަލުން ފަރުވާ ދެމުންނެވެ. މީގެ ތެރޭން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށްވެ އެވެ.

ބޯޓު ވެއްޓުނު ހާދިސާ ތަހްގީގު ކުރުމަށް ނޭޕާލުން މިހާރު ވަނީ ހަ މެންބަރުންގެ ޓީމެއް އުކުލަވާލައިފަ އެެވެ. ބޯޓު ވެއްޓުނު ތަނަށް އެ ޓީމުން މިއަދު މެންދުރު ފަހު ދަތުރު ކުރާނެ އެވެ.

ކެނެޑާގެ ބޮމްބާޑިއާ ކުންފުނީގެ ޑޭޝް 8 ގެ ބޯޓުން 71 މީހުން ދަތުރުކުރި އެވެ. މަރުވި 49 މީހުންގެ ތެރޭގައި ބޯޓުގެ ޕައިލެޓާއި ކޯ-ޕައިލެޓް އަދި ދެ ފަޅުވެރިން ވެސް ހިމެނެ އެވެ.

ބޯޓު ވެއްޓުނީ ޕައިލެޓަށް އެރި އޮޅުމަކުން ރަންވޭގެ ނުބައި ދިމާލަކުން ބޯޓު ޖެއްސަން އުޅުމުން ކަމަށް އެއާޕޯޓުގެ މެނޭޖަރު ވަނީ ވިދާޅުވެފަ އެވެ.