ރާނީ އަށް ފަހު ކޮމަންވެލްތުގެ އިސްވެރިއަކަށް ވާނީ ޗާލްސް

ލަންޑަން (އެޕްރީލް 21) - އިނގިރޭސި ރާނީ އަށް ފަހު ކޮމަންވެލްތުގެ އެންމެ އިސްވެރިއަކަށް ދެން ހަމަޖެހިގެން ދާނީ އިނގިރޭސި ވަލީ އަހުދު ޕްރިންސް ޗާލްސް ކަމަށް ކޮމަންވެލްތުގެ ލީޑަރުން ނިންމައިފި އެވެ.


ކޮމަންވެލްތުގެ އެންމެ އިސްވެރިން ވިންޑްސޯ ގަނޑުވަރުގައި ބޭއްވި ސިއްރު ބައްދަލުވުމަށް ފަހު އެ ގޮތަށް ނިންމާފައި ވަނީ ކޮމަންވެލްތުގެ ދެން އަންނަ ވެރިއަކަށް ޗާލްސް ހެއްދެވުމަކީ އިޚްލާސްތެރި އެދުމެއް ކަމަށް ރާނީ ވެސް ވިދާޅުވެފައި ވަނިކޮށެވެ.

ކޮމަންވެލްތުގެ އެންމެ އިސްވެރިޔާގެ މަގާމަކީ ވިރާސީ މަގާމެއް ނޫނެވެ. އެހެންވެ ރާނީ އަވަރާވި ނަމަވެސް ޗާލްސް އަށް އެ މަގާމު އޮޓޮމެޓިކުން ނުލިބޭނެ އެވެ.

ދެ ދުވަހުގެ މުއްދަތަށް ލަންޑަނުގައި ބޭއްވި ކޮމަންވެލްތުގެ އެންމެ އިސްވެރިންގެ ސަމިޓަށް ފަހު އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މެއި ވަނީ އެންމެ އަށް ގައުމުން 53 ގައުމު ހިމެނޭ ބޮޑު ޖަމާއަތަކަށް ކޮމަންވެލްތު ފުޅާކުރުމުގައި ރާނީ އަދާކުރެއްވި ދައުރަށް ތައުރީފް ކުރައްވައިފަ އެވެ.

ދެ އަހަރުން އެއް އަހަރު ބާއްވާ ސަމިޓުގައި މި ފަހަރު ވަނީ 46 ގައުމުގެ އެންމެ އިސްވެރިން ބައިވެރިވެފަ އެވެ. އަނެއް ހަތް ގައުމު ތަމްސީލް ކުރީ ޚާރިޖީ ވަޒީރުންނެވެ. މި ފަހަރުގެ ސަމިޓުގައި މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި ކަނޑުތައް ހިމާޔަތް ކުރުމާއި ސައިބާ ސެކިއުރިޓީ އަދި ދޭދޭ ގައުމުތަކުގެ ވިޔަފާރި ހިމެނެ އެވެ. ކަނޑުތައް ހިމާޔަތް ކުރުމަށް ލީޑަރުން ވަނީ "ބްލޫ ޗާޓަރަކަށް" އެއްބަސްވެފަ އެވެ. އަަދި އޮންލައިން ކްރައިމް ހުއްޓުމަށް "ސައިބާ ޑިކްލަރޭޝަނެއް" ވަނީ ފާސްކޮށްފަ އެވެ.

ދެހާސް ވިހި ވަނަ އަހަރުގެ ކޮމަންވެލްތު ސަމިޓް ބާއްވަން ނިންމީ ރުވާންޑާގަ އެވެ.

ދުނިޔޭގެ އާބާދީގެ 2.4 ބިލިއަން މީހުން ކޮމަންވެލްތުން ހިއްސާ ކުރެ އެވެ.