ފަލަސްތީނުގެ އިމާމަކު މެލޭޝިއާގައި މަރާލައިފި

ކުއާލަ ލަމްޕޫރު (އެޕްރީލް 22) - މެލޭޝިއާގައި ދިރިއުޅޭ ފަލަސްތީނުގެ އިމާމެއްގެ ގަޔަށް ބަޑިޖަހާ އިއްޔެ މަރާލައިފި އެވެ.


ސައިކަލެއްގައި ދިޔަ ދެ މީހަކު ބަޑިޖަހާ 35 އަހަރުގެ އިމާމް ފާދީ އަލް ބަތަޝް މަރާލީ އޭނާ ފަތިސް ނަމާދަށް ދަނިކޮށެވެ. އޭނާ އަކީ ފަލަސްތީނުގެ ހަމާސްގެ މެންބަރެކެވެ.

އަލް ބަތަޝްގެ ބައްޕަ އަލް ޖަޒީރާ އަށް ބުނީ އޭނާގެ ދަރިފުޅުގެ މަރުގެ ފަހަތުގައިވާ ކަމަށް ބެލެވެނީ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑް ކަމަށެވެ. އަދި ދަރިފުޅުގެ މަރުގެ ފަހަތުގައިވާ މީހުން ހޯދުމަށް އޭނާ ވަނީ މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ.

ފަލަސްތީނުގެ އިމާމް ފާދީ މުހައްމަދު އަލް ބަތަޝްގެ ގަޔަށް ވަނީ 10 ވަޒަން ފޮނުވާލާފައި. --ފޮޓޯ: އީޕީއޭ

މެލޭޝިއާގެ ބޮޑު ވަޒީރުގެ ނައިބް އަހުމަދު ޒާހިދު ހާމިދީ ވިދާޅުވީ ބަތަޝް އަށް ހަމަލާދީ މަރާލީ ޔޫރަޕުގެ ބައެއް ކަމަށް ބެލެވޭ ކަމަށާއި އެ މީހުންނާއި ބޭރުގެ ޖާސޫސީ އިދާރާއަކާ ގުޅިފައިވާ ކަމަށް ވެސް ބެލެވޭ ކަމަށެވެ.

މެލޭޝިއާ ފުލުހުންގެ ވެރިޔާ ދާތުކް ސެރީ މަންސޫރު ލާޒިމް ވިދާޅުވީ ބަތަޝް އަށް ހަމަލާ ދިން ދެ މީހުން އިމާރާތެއްގެ ކައިރީގައި 20 މިނިޓް އިންތިޒާރުގައި ތިބި ކަމަށެވެ. އަދި ބަތަޝް އަމާޒުކޮށް 10 ވަޒަން ފޮނުވާލި ކަމަށާއި އޭގެ ތެރޭން ހަތަރު ވަޒަނުން ބަތަޝް މަރުވެފައިވާ ކަމަށެވެ.

ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން ބުނީ ބަތަޝް އަކީ ވަރަށް ޒުވާން، ދީނީ އިލްމުވެރިއެއް އަދި ހަކަތައިގެ ދާއިރާގެ ސައެންސްވެރިއެއް ކަމަށެވެ. އޭނާ އަކީ ޝަހީދެއް ކަމަށް ވެސް ހަމާސް އިން ބުނެފައިވެ އެވެ.

މެލޭޝިއާ އަށް ކަނޑައަޅާފައި ހުންނަ ފަލަސްތީނުގެ ސަފީރު އަންވަރު އެޗް. އަލް އަގާ ވިދާޅުވީ ބަތަޝް އަކީ މިސްކިތުގެ ދެ ވަނަ އިމާމް ކަމަށެވެ. އޭނާ މެލޭޝިއާގައި ދިރިއުޅޭތާ ދިހަ ވަރަކަށް އަހަރުވެފައިވާ ކަމަށްވެ އެވެ.