ސީރިޔާގެ ރެފިއުޖީން ރެކޯޑް އަދަދަކަށް އިތުރުވެއްޖެ

ސީރިޔާގައި މިހާރު ކުރަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި އެކި ސަރަހައްދުތަކަށް ވިއްސިވިހާލިވެފައިވާ މީހުންގެ އަދަދު މި އަހަރުގެ މިހާތަނަށް ވެސް ރެކޯޑް މިންވަރަކަށް އިތުރު ވެއްޖެ އެވެ.


އިންސާނީ އެހީތެރިކަމާ ބެހޭ އދ.ގެ އިދާރާ އިން ބުނި ގޮތުގައި މި އަހަރުގެ ފުރަތަމަ ހަތަރު މަސް ތެރޭގައި އެކަނި ވެސް، 920،000 މީހުން، ގެދޮރު ގެއްލި، ސީރިޔާގެ އެކި ސަރަހައްދުތަކަށް ވިއްސިވިހާލި ވެއްޖެ އެވެ. މިއީ މީގެ ހަތް އަހަރު ކުރިން ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނު ފަހުން މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ބަޔަކު ގެދޮރު ދޫކޮށް އެހެން ސަރަހައްދުތަކަށް ދިޔަ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ރެފިއުޖީންގެ ގޮތުގައި ސީރިޔާ ދޫކޮށް އަވައްޓެރި ގައުމުތަކަށް ހިޖްރަ ކުރި މީހުންގެ އަދަދު ވެސް އެތައް މިލިއަނަކުން ގުނެ އެވެ. ގެދޮރު ދޫކޮށް ސީރިޔާގެ އެކި ސަރަހައްދުތަކަށް ވިއްސިވިހާލިވެފައިވާ މީހުންގެ އަދަދު 6.2 މިލިއަނަށް އަރާއިރު، ރެފިއުޖީންގެ ގޮތުގައި އަވައްޓެރި ގައުމުތަކަށް ހިޖްރަ ކުރި ސީރިޔާ މީހުންގެ އަދަދު 5.6 މިލިއަނަށް އަރާ ކަމަށް އދ.ގެ އިދާރާތަކުން ބުނެ އެވެ.

އދ. އިން ބުނާ ގޮތުގައި، ވެއަތުވެ ދިޔަ ދެތިން މަހުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ގެދޮރު ދޫކޮށް އެހެން ސަރަހައްދުތަކަށް ދިޔައީ އިރުމަތީ ޣޫޠާ އިންނެވެ. އިރުމަތީ ޣޫޠާއަކީ 2012 ވަނަ އަހަރުން ފެށިގެން ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދެކެވެ. ނަމަވެސް ހުސްވި އެޕްރީލް މަހުގެ ކުރީކޮޅުން ފެށިގެން އެ ސަރަހައްދަށް، ސީރިޔާ ސަރުކާރުގެ ސިފައިން ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން، ދިރިއުޅުން ދަތިވުމުގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ އެ ސަރަހައްދުން ނުކުމެފަ އެވެ.

ސީރިޔާގެ ހަނގުރާމަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށް އދ. އާއި ވިލާތުގެ އިއްތިހާދުން ކުރި ހުރިހާ މަސައްކަތެއް ފަނުފުލުން ގޮސްފައިވާ އިރު، ކައިރި ކުރިމަގެއްގައި ހަނގުރާމަ ނިމުމަކަށް އަންނާނޭ ކަމުގެ އެއްވެސް އިޝާރާތެއް އަދި ނުފެނެ އެވެ.