އދ. އިން އަނެއްކާ ވެސް އިޒްރޭލު ކުށްވެރި ކޮށްފި

އިޒްރޭލުގެ އަސްކަރީ ބާރުތަކުން ފަލަސްތީނުގެ ބިންތަކުގައި މިދިޔަ ދެތިން މަހުގެ ތެރޭގައި ހިންގި އުދުވާނީ އަމަލުތައް ކުށްވެރިކޮށް، އދ.ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރު ބޮޑު އަޣުލަބިއްޔަތަކުން އިއްޔެ ފާސްކޮށްފި އެވެ.


ޖުމްލަ 193 މެމްބަރު ގައުމު ހިމެނޭ އާންމު މަޖިލީހުގައި، އިޒްރޭލު ކުށްވެރިކޮށް މި ގަރާރު ފާސްކުރީ 120 ގައުމުގެ ވޯޓުންނެވެ. މި ގަރާރާ ދެކޮޅަށް ވޯޓު ދިނީ އެމެރިކާ އާއި އިޒްރޭލާ އެކު އެންމެ އަށް ގައުމަކުންނެވެ. އިޒްރޭލުގެ އުދުވާންތައް ކުށްވެރިކޮށް އދ.ގެ އާންމު މަޖިލީހުގެ މީގެ ކުރިން ވެސް އެތައް ގަރާރެއް ފާސްކޮށްފައިވެ އެވެ.

މި ގަރާރުގައި ބުނެފައިވާ ގޮތުގައި ފަލަސްތީނުގެ ގާޒާގައި ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލު ސިފައިން ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށް އެތައް ބަޔަކު ޝަހީދުކޮށްލާފައިވާ އިރު، އިޒްރޭލުން އެކަމުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނެ އެވެ. އަދި ފަލަސްތީނު މީހުންނަށް ރައްކާތެރިކަމާއި ހިމާޔަތް ހޯދައިދިނުމަށް ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވާލާފައިވެ އެވެ.

އދ.ގެ އާންމު މަޖިލީހަށް މި ގަރާރު ހުށަހެޅީ ފަލަސްތީނާއި ތުރުކީ ވިލާތް އަދި އަލްޖަޒާއިރު ގުޅިގެންނެވެ. އާންމު މަޖިލީހަށް މި ގަރާރު ހުށަހަޅަން ޖެހުނީ، އދ.ގެ ސަލާމަތީ މަޖިލީހަށް މި ގަރާރު ހުށަހެޅުމުން އެމެރިކާ އިން ވީޓޯގެ ބާރު ބޭނުންކޮށް ގަރާރު ފެއިލް ކޮށްލުމުންނެވެ.

އާންމު މަޖިލީހަށް ހުށަހެޅި ގަރާރަށް އެމެރިކާ އިން އިސްލާހެއް ހުށަހެޅި ނަމަވެސް އެ އިސްލާހަށް މަޖިލީހުގެ ތިން ބައިކުޅަ ދެ ބައިގެ ތާއީދު ނުލިބުމުން އެ އިސްލާހު ބާތިލުވީ އެވެ. އެ އިސްލާހުގައި އެމެރިކާ އިން އެދިފައިވަނީ، ތިން ގައުމު ގުޅިގެން ހުށަހެޅި ގަރާރުގައި، ފަލަސްތީނުގައި ހިނގާ ހަމަނުޖެހުންތަކުގެ ޒިންމާ ހަމާސް ޖަމާއަތުން އުފުލަން ޖެހޭނެ ކަމަށާއި ހަމާސް ޖަމާއަތް ވެސް ކުށްވެރި ކުރުމަށެވެ.

މި ގަރާރު އދ. އިން ފާސްކުރި އިރު، އިޒްރޭލުން އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅޭ މީހުންނަށް ހިމާޔަތާއި ރައްކާތެރިކޮށް ލިއްބައިދޭނެ ބައިނަލްއަގުވާމީ ނިޒާމެއް އެކުލަވައިލުމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިޔޯ ގުޓަރެސް އަށް ގޮވާލާފައިވެ އެވެ.

އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، މާޗް 30 ވަނަ ދުވަހުން ފެށިގެން މިހާރު ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އިޒްރޭލު ސިފައިން ހަތިޔާރު ބޭނުންކުރުމުން ފަލަސްތީނުގެ 120 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 3،800 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެ އެވެ. އަދި އިޒްރޭލުގެ ހަމަލާތަކުގައި މަރުވި އެންމެންނަކީ ވެސް އެއްވެސް ހަތިޔާރެއް ނެތި މުޒާހަރާ ކުރި މަދަނީންނެވެ.

ބައިނަލްއަގުވާމީ މުޖްތަމައުން އިޒްރޭލާ ދެކޮޅަށް ވަރުގަދަ ގަރާރެއް ފާސްކުރި ކަމުގައި ވިޔަސް، އެމެރިކާގެ ހިމާޔަތާއި މަދަދުގެ ސަބަބުން، އިޒްރޭލުގެ އަނިޔާވެރި އަމަލުތަކަށް އެއްވެސް ހުއްޓުމެއް ނާދެ އެވެ. އަދި ސަލާމަތީ މަޖިލީހުގައި އެމެރިކާ އިން އިޒްރޭލު ހިމާޔަތް ކުރަމުންދާހާ ހިނދަކު، ފަލަސްތީނު މީހުންނަށް އަމާންކަމާއި ރައްކާތެރިކަމެއް ވެސް ނެތް ކަމަށް ބައިނަލްއަގުވާމީ މުޖްތަމައުން ދެކެ އެވެ.

އިޒްރޭލުން ބުނާ ގޮތުގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހަމަލާ ދޭންޖެހެނީ ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދޭ ރޮކެޓް ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. އަދި ގާޒާގައި މި ފަހަކަށް އައިސް އިޒްރޭލާ ދެކޮޅަށް މުޒާހަރާ ކުރި ގިނަ މީހުންނަކީ ހަމާސް ޖަމާއަތުން ފައިސާ ދީގެން މުޒާހަރާ އަށް ނުކުތް މީހުން ކަމަށް ވެސް އިޒްރޭލުން ތުހުމަތު ކުރެ އެވެ.