ނަޖީބުގެ ޕާޓީ އަށް އާ ލީޑަރަކު ހޮވައިފި

ކުއާލަ ލަމްޕޫރު (ޖުލައި 1) - މެލޭޝިއާގެ ވެރިކަން ގެއްލުނު ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ޕާޓީ އަށް އާ ލީޑަރަކު ހަމަޖައްސައިފި އެވެ.


ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން (އަމްނޯ) ގެ އާ ލީޑަރަކީ ނަޖީބުގެ ނައިބަކަށް ހުންނެވި އަހުމަދު ޒާހިދު ހާމިދީ، 65، އެވެ. އޭނާ އެ މަގާމަށް ހޮވާފައި ވަނީ ކުރީގެ ދެ މިނިސްޓަރުންނާ ވާދަކުރައްވައިގެންނެވެ. ނަސްމީ ނަތީޖާތައް ދައްކާ ގޮތުން އަހުމަދަށް ވަނީ ޕާޓީގެ 191 ޑިވިޝަނުގެ ތެރޭން 78 ނޮމިނޭޝަން ލިބިވަޑައިގެންފަ އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޚައިރީ ޖަމާލުއްދީނަށް ލިބިވަޑައިގެންނެވީ 53 ނޮމިނޭޝަނެވެ. ރަޒައިލާ ހަމްޒާ އަށް ލިބިވަޑައިގެންނެވީ 28 ނޮމިނޭޝަނެވެ.

މެއި 9 ވަނަ ދުވަހު ބޭއްވި އިންތިޚާބު ނަޖީބުގެ ޕާޓީ އަށް ގެއްލުމުގެ މައިގަނޑު ސަބަބަކީ ކުރީގެ ސަރުކާރުގެ މައްޗަށް ކުރި ކޮރަޕްޝަނެވެ. ވެރިކަން ގެއްލުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނަޖީބު ވަނީ ޕާޓީގެ ރައީސްގެ މަގާމުން ވަކިވެވަޑައިގެންފަ އެވެ. ނަޖީބުގެ މައްޗަށް މިހާރު ދަނީ ކޮރަޕްޝަނުގެ ތަހުގީގު ހިންގަމުންނެވެ.

ޕާޓީގެ ލީޑަރުކަން ލިބިވަޑައިގަތުމަކީ ބޮޑު ވަޒީރު ކަމަށް ވަޑައިގަތުމަށް ހުޅުވޭ ދޮރެކެވެ. ނަމަވެސް ބަރިސަން ނޭޝަނަލް ކޯލިޝަނުގެ މައި ޕާޓީގެ ގޮތުގައި އޮތް އަމްނޯ އަށް ވަނީ އިންތިޚާބުގެ ނާކާމިޔާބީ އަށް ފަހު ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހިފަ އެވެ. ނަޖީބުގެ ކޯލިޝަނުގެ ބައެއް ޕާޓްނަރުން ވަނީ ބޮޑު ވަޒީރު މަހާތިރު މުހައްމަދުގެ ޕެކްޓް އޮފް ހޯޕް އެލަޔަންސާ ގުޅެން ފަށައިފަ އެވެ. އެކަމަކު އަމްނޯ އަކީ އަދިވެސް މެލޭޝިއާގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. އެ ޕާޓީގައި ތިން މިލިއަން މެންބަރުންނާއި ޕާލަމެންޓުގެ 52 މެންބަރުން ތިބެ އެވެ.