މަނީ ލޯންޑްރިންގެ ތުހުމަތުގައި ނަޖީބުގެ ވަކީލް ހައްޔަރުކޮށްފި

ކުއާލަ ލަމްޕޫރު (ސެޕްޓެމްބަރު 13) - މަނީ ލޯންޑްރިންގެ ތުހުމަތުގައި، މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ވަކީލް ޝާފީ އަބްދުﷲ މިއަދު ހައްޔަރުކޮށްފި އެވެ.


މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގައި ހިންގާފައިވާ ބޮޑު ޚިޔާނާތުގައި ނަޖީބުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދިފާއު ކުރުމުގައި އެންމެ އިސްކޮށް އުޅޭ ވަކީލް ޝާފީ، 66، ގެ މައްޗަށް ވަނީ މަނީ ލޯންޑްރިންގެ ހަތަރު ދައުވާއެއް އުފުލައިފަ އެވެ. އޭނާ ހައްޔަރުކޮށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ވަނީ ހުރިހާ ދައުވާއަކަށް ވެސް އިންކާރުކޮށްފަ އެވެ. ކަފާލާތުގެ ދަށުން ކޯޓުން އޭނާ މިއަދު ވަނީ ދޫކޮށްލައިފަ އެވެ.

ޝާފީ ހައްޔަރު ކުރީ ޑޮމެސްޓިކް ފްލައިޓެއްގެ ބޯޑިން އަށް ގޮސް ހުއްޓާ އެއާޕޯޓުންނެވެ. ޝާފީގެ މައްޗަށް ތުހުމަތުކޮށްފައިވާ އެއް މައްސަލައަކީ ނަޖީބުގެ ފަރާތުން އޭނާ އަށް ލިބިފައިވާ ދެ ޗެކެވެ. މި ދެ ޗެކުގެ އަދަދު 9.5 މިލިއަން ރިންގިޓް (2.3 މިލިއަން ޑޮލަރު) އަށް އަރަ އެވެ. މިއީ ގަވާއިދާ ޚިލާފަށް ހޯދާފައިވާ ފައިސާ ކަމަށް ދައުވާގައިވެ އެވެ. އަނެއް މައްސަލަ އަކީ އޭނާ އިންކަމް ޓެކްސް އަށް މަކަރު ހެދުމެވެ. މި ހުރިހާ މައްސަލައެއް ޝާފީގެ މައްޗަށް ސާބިތުވެއްޖެ ނަމަ 40 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ނަޖީބުގެ ވެރިކަން ވެއްޓުނު ފަހުން އޭނާއާ ގުޅުން ހުރި ތަންތަނުން ފެނުނު ތަކެތީގެ އަގު 273 މިލިއަން ޑޮލަރަށް އަރާ ކަމަށް ފުލުހުން ބުނެ އެވެ. ނަޖީބުގެ މައްޗަށް މިހާރު ދަނީ ކޮރަޕްޝަނުގެ ދައުވާ ކުރަމުންނެވެ.