ސްރީ ލަންކާ ރުޕީސްގެ އަގު 170 އަށް ވެއްޓިއްޖެ

ކޮލަމްބޯ (ސެޕްޓެމްބަރު 22) - ސްރީ ލަންކާގެ ރުޕީސްގެ އަގު ޑޮލަރަކަށް ޖެހޭ ވަރު ރެކޯޑް އަގެއް ކަމަށްވާ 170 އަށް އިއްޔެ ވެއްޓިފަ އެވެ.


ލަންކާގެ މަރުކަޒީ ބޭންކުން ނެރުނު ބޭރު ފައިސާ މާރުކުރާ ރޭޓަށް ބަލާއިރު ވިއްކާ އަގު އިއްޔެ ހުރީ ޑޮލަރަކަށް 170.65 ގަ އެވެ. މިއީ ލަންކާ ފައިސާގެ އަގު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. ގަންނަ އަގު ހުރީ ޑޮލަރަކަށް 166.78 ރުޕީސްގަ އެވެ.

މި މަހުގެ މިހާތަނަށް އެކަނި ވެސް ލަންކާ ރުޕީސްގެ އަގު ވަނީ 4.5 ޕަސެންޓް ދަށްވެފަ އެވެ. ލަންކާ ރުޕީސްގެ އަގު މިދިޔަ މަހު ދަށްވެފައި ވަނީ 1.2 ޕަސެންޓެވެ. މި އަހަރުގެ މިހާތަނަށް ރުޕީސްގެ އަގު ވަނީ 9.9 ޕަސެންޓް ދަށްވެފަ އެވެ. މައިގަނޑު ސަބަބަކީ އިމްޕޯޓަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމެވެ.

ލަންކާގެ އިގްތިސާދު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ދަށަށް ދާން ފަށައިފަ އެވެ. އިގްތިސާދީ ކުރިއެރުން މިދިޔަ އަހަރު ހުރީ 3.1 ޕަސެންޓުގަ އެވެ. މިއީ ވޭތުވެދިޔަ 16 އަހަރު ތެރޭ ނުދާ ވަރުގެ ދަށްވުމެކެވެ. ލަންކާގެ ބެލެންސް ޝީޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ގައުމީ އެއާލައިން ސްރީ ލަންކަން އަށް ވަމުންދާ ގެއްލުމާއި ދަރަންޏެވެ. ސްރީ ލަންކަންގެ ދަރަނި މިހާރު ވަނީ ދެ ބިލިއަން ޑޮލަރަށް އަރައިފަ އެވެ. ގައުމީ އެއާލައިން ޕްރައިވެޓައިޒް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް މިހާތަނަށް އިންވެސްޓަރުންގެ މާބޮޑު ޝައުގުވެރިކަމެއް ފާޅުކޮށްފައެއް ނުވެ އެވެ.

މީގެ އިތުރުން އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް ނަގާފައިވާ ބޮޑެތި ލޯނުތަކުގެ ދަރަނި ދައްކަން ވެސް ދަނީ ބޮޑު ހޭދައެއް ކުރަމުންނެވެ.