ކޮލަމްބޯ (އެޕްރީލް 9) - ކޮވިޑް-19 ގެ އަސަރު ސްރީ ލަންކާގެ އިގްތިސާދަށްކޮށް އެ ގައުމުގެ ފައިސާގެ އަގު އެމެރިކާ ޑޮލަރާ އަޅާބަލާއިރު ރެކޯޑް މިންވަރަކަށް އިއްޔެ ދަށަށް ހިނގައްޖެ އެވެ.
ލަންކާގެ ސެންޓްރަލް ބޭންކުން ނެރެފައިވާ އެކްސްޗޭންކް ރޭޓް ދައްކާ ގޮތުން ޑޮލަރަކަށް އިއްޔެ ވަނީ 200.46 ރުޕީސް ޖެހިފަ އެވެ. މިއީ ލަންކާގެ ތާރީޚުގައި ވެސް ރުޕީސްގެ އަގު މިހާ ބޮޑަށް ވެއްޓުނު ފުރަތަމަ ފަހަރެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗު މަހުގެ ކުރީކޮޅާ ހަމައަށް ލަންކާ ރުޕީސްގެ އަގު ހުރީ ގާތްގަނޑަކަށް އެއްވަރެއްގަ އެވެ. ނަމަވެސް ކޮރޯނާވައިރަސް ހަލުވިކަމާ އެކު ފެތުރެން ފެށުމާ އެކު މާލީ ބާޒަށް ވަނީ އަސަރުކޮށްފަ އެވެ. ސެންޓްރަލް ބޭންކުން ބުނީ މި އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން އެޕްރީލް 3 ވަނަ ދުވަހާ ހަމައަށް ރުޕީސްގެ އަގު 4.9 ޕަސެންޓަށް ވެއްޓިފައިވާ ކަމަށެވެ.
ލަންކާ އިން ކޮރޯނާވައިރަހަށް މިހާތަނަށް ވަނީ 189 މީހުން ޕޮޒިޓިވްވެ ހަތް މީހުން މަރުވެފަ އެވެ. ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ވެރިރަށް ކޮލަމްބޯ، ކަލުތަރަ، ގަމްޕަހާ، ޕުއްތަލަމް، ކެންޑީ އަދި ޖަފްނާ ޑިސްޓްރިކްޓުގައި މިހާރު ވަނީ ކާފިއު ހިންގައިފަ އެވެ.