އެމެރިކާ ކޮންސިއުލޭޓުގެ މަސައްކަތް ގުދުސް އެމްބަސީ އަށް

ގުދުސް (އޮކްޓޯބަރު 19) - ގުދުސްގައި ހުރި އެމެރިކާގެ ކޮންސިއުލޭޓް ބަންދުކޮށް އެ ތަނުގެ މަސައްކަތްތައް ގުދުސްގައި އެމެރިކާ އިން ދާދި ފަހުން ހުޅުވި އެމްބަސީ އަށް ބަދަލުކޮށްފި އެވެ.


ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ އެ ގޮތަށް ހަމަޖެއްސީ މަސައްކަތްތައް ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެއީ ގުދުސް އާއި ހުޅަނގު އައްސޭރި އަދި ގާޒާ ސްޓްރިޕްއާ މެދު އެމެރިކާ އިން ގެންގުޅޭ ސިޔާސަތު ބަދަލުވުމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އެމެރިކާގެ މި އަމަލް ފަލަސްތީނުން ވަނީ ކުށްވެރިކޮށްފަ އެވެ. ފަލަސްތީނުގެ ސީނިއާ އޮފިޝަލެއް ކަމަށްވާ ސާއިބް އުރައިގާތު ވިދާޅުވީ ޑޮނަލްޑް ޓްރަމްޕް ސަރުކާރުން ދަނީ ފަލަސްތީނުގެ ބިމުގައި "ގްރޭޓާ އިޒްރޭލް" އުފައްދަމުން ކަމަށެވެ.

ގުދުސްގައި ހުންނަ އެމެރިކާ ކޮންސިއުލޭޓުން މައިގަނޑު ގޮތެއްގައި ކުރަމުން ގެންދިޔައީ ފަލަސްތީނާ ގުޅޭ މަސައްކަތްތަކެވެ. ނަމަވެސް ފަލަސްތީން މީހުން ދެން ދާން ޖެހޭނީ ގުދުސްގައި ހުންނަ އިޒްރޭލް އެމްބަސީއަށެވެ. ފަލަސްތީން މީހުން ބުނެފައި ވަނީ މިއީ އެ ގައުމު އެކަހެރި ކުރަން ޓްރަމްޕް ސަރުކާރުން އަނެއްކާވެސް އެޅި ފިޔަވަޅެއް ކަމަށެވެ.

އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަކަން ޓްރަމްޕް އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ތެލް އަވީވުގައި ހުރި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރީ މެއި މަހު އެވެ. އޭގެ ފަހުން ޓްރަމްޕް ވަނީ ވޮޝިންޓަނުގައި ހުރި ފަލަސްތީނުގެ ޑިޕްލޮމެޓިކް މިޝަން ބަންދު ކޮށްފަ އެވެ.

މުޙައްމަދު ޝައިނީ

2

ހެންވޭރު އުތުރު ދާއިރާ