ގުދުސްގެ އަލް އަގްސާ މިސްކިތް ހިމެނޭ ސަރަހައްދުގައި އިޒްރޭލް ސިފައިން ހަރަކާތްތެރި ވަނީ: ގުދުސް އަށް އެމްބަސީ ބަދަލުކުރާ ގައުމުތަކުގެ މައްސަލަ ފަލަސްތީނުން އދ. އަށް ހުށަހަޅާނެ. --ފޮޓޯ:ރޮއިޓާސް
ގުދުސް (އޮގަސްޓް 31) - ގުދުސްގައި ޑިޕްލޮމެޓިކް އޮފީސް ހުޅުވަން އުޅޭތީ ހޮންޑިއުރަސް އާއި ނައުރޫ ގޮވައިގެން އދ. އަށް ދާނެ ކަމަށް ފަލަސްތީނުން ބުނެފި އެވެ.
މެދުތެރޭ އެމެރިކާގެ ހޮންޑިއުރަސް އިން ބުނެފައި ވަނީ ގުދުސްގައި ޑިޕްލޮމެޓިކް އޮފީހެއް ހުޅުވުމުގެ މާނައަކީ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަތުން ކަމަށެވެ.
ހޮންޑިއުރަސްގެ ރައީސް ހުއާން އޯލެންޑޯ ހެރްނާންޑޭޒް މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ މި ހަފުތާ ބަންދުގައި ގުދުސްގައި ޑިޕްލޮމެޓިކް އޮފީސް ހުޅުވާ ރަސްމިއްޔާތުގައި އޭނާ ބައިވެރިވާނެ ކަމަށެވެ. ހެރްނާންޑޭޒް ވިދާޅުވީ ތެލް އަވީވްގައި ހޮންޑިއުރަސްގެ އެމްބަސީ ހުރި ނަމަވެސް ގުދުސްގައި ޑިޕްލޮމެޓިކް މިޝަނެއް ގާއިމްކުރުމަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ގުދުސް ބަލައިގަތުން ކަމަށެވެ.
ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހޮންޑިއުރަސްގެ މައްސަލަ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އަށް ހުށަހަޅާނެ ކަމަށެވެ. އަދި ހޮންޑިއުރަސްގެ ނިންމުމަކީ ފަލަސްތީނުގެ މިނިވަން ކަމަށް އަރައިގަތުމެއް ކަމަށާއި އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވުން ކަމަށް ވެސް ބުނެފައިވެ އެވެ.
"ހޮންޑިއުރަސް އިން ވަނީ ބައިނަލްގުވާމީ ގާނޫނުތަކަށް އިހްތިރާމް ނުކުރާ ގައުމުތަކުގެ ސަފަށް އަރާފައި،" ޕަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ހަނާން އަޝްރާވީ ވިދާޅުވި އެވެ.
އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަތުމަށް ދާދި ފަހުން ޕެސިފިކުގެ ނައުރޫ އިން ނިންމާފައިވާތީ އެކަން ވެސް އަޝްރާވީ ވަނީ ކުށްވެރި ކުރައްވައިފަ އެވެ.
"ނައުރޫ އިން ވެސް އެވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ.ގެ ޗާޓަރާ ޚިލާފުވެފައި. ގާނޫނާޚިލާފު މިކަންކަން އދ. އިން ބަލައި އެ ގައުމު ޒިންމާ ކުރުވަން ޖެހޭނެ،" އަޝްރާވީ ވިދާޅުވި އެވެ.
އިޒްރޭލުން އިރުމަތީ ގުދުސް ހިފާފައި ވަނީ 1967 ވަނަ އަހަރު ކުރި ހަ ދުވަހުގެ ހަނގުރާމައިގަ އެވެ. އޭގެ ފަހުން އިޒްރޭލުން ވަނީ ގުދުސް ވެރިކޮށްލައިފަ އެވެ. އެކަމަކު އެއީ ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ކަމެއް ނޫނެވެ.
ދުނިޔެ ގަބޫލްކުރަމުން އައި އުސޫލާ ޚިލާފަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަ ކަމަށާއި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެކަން 2017 ވަނަ އަހަރު އިއުލާން ކުރައްވައިފަ އެވެ. އެމެރިކާ އެމްބަސީ ގުދުސްގައި ހުޅުވީ މެއި 14، 2018 ގަ އެވެ. އޭގެ ފަހުން ގުއަޓަމާލާ އާއި ޕެރަގުއާއީ އިން ވަނީ ގުދުސް އަށް އެމްބަސީ ބަދަލުކޮށްފަ އެވެ. ނަމަވެސް ޕެރަގުއާއީގެ ނިންމުން ބަދަލު ކުރަން ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޝޮކްތެރަޕީ
31 August 2019
މިކަމުގަ މުސްލިމުންގެ ފަރުދީ ޒިމްމާ ނަގަންޖެހޭ. މުސްލިމް ޤައުމުތަ މިވަނީ ކާފަރުންގެ އަތްދަށުވެފަ. މުސްލިމުން އެބަޖެހޭ ކުރީސަފަ ނިކުންނަން.
ބަބުރުކަލޯ
31 August 2019
ގުދުސަކީ މުސްލިމުންގެ ބިމެއް. އެއްބަޔަކުވެސް އެތާ އެންބަސީއަޅައިގެންނުވާނެ.