ކޮންގްރެސްގެ ދަށު ގޭގެ ކޮންޓްރޯލް ޑިމޮކްރެޓުންނަށް، ދެންވާނީ ކިހިނެއް؟

ވޮޝިންޓަން (ނޮވެމްބަރު 8) - އެމެރިކާގައި އަންގާރަ ދުވަހު ބޭއްވި މިޑް-ޓާމް އިންތިޚާބުގައި ކޮންގްރެސްގެ ދަށު ގޭގެ ކޮންޓްރޯލް ވަނީ ޑިމޮކްރެޓިކް ޕާޓީން ހޯދައިފަ އެވެ.


ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި ކޮންގްރެސްގެ މެޖޯރިޓީ ބޭނުންކޮށްގެން ވަރަށް ގިނަ ކަންކަން ވަނީ ކުރައްވައިފަ އެވެ. އެކަމަކު ކުރިއަށް އޮތް ދެ މަސްތެރޭ ކޮންގްރެސްގެ ހައުސްގެ ކޮންޓްރޯލް ޑިމޮކްރެޓިކުންނާ އެކު ފެށުމުން ޓްރަމްޕް އެދިވަޑައިގެންނެވިހާ ގޮތަކަށް ކަން ކުރުން ނިމުމަކަށް އަންނާނެ އެވެ.

ރިޕަބްލިކަން ޕާޓީގެ ބާރު ކޮންގްރެސްގައި އޮތް އިރު ޓްރަމްޕް ވަނީ ހަރުކަށި އިމިގްރޭޝަން ގާނޫނެއް ހަދައި އޮބާމާ ކެއާ ހެލްތު ނިޒާމް އުވާލައި އިޖްތިމާއީ ޕްރޮގްރާމްތަކުގެ ބަޖެޓުން ބޮޑު ބައެއް ކަނޑާލައިފަ އެވެ.

ޑިމޮކްރެޓުންނަށް ހައުސްގެ މެޖޯރިޓީ ލިބުމުން ޓްރަމްޕަށް އޮތް ބިރަކީ "އައި-ވޯޑް" ނުވަތަ އިމްޕީޗްމަންޓް (މަގާމުން ދުރުކުރުން) އާ ކުރިމަތިލުމެވެ. ހައުސްގެ ސިމްޕަލް މެޖޯރިޓީއާ އެކު ރައީސް މަގާމުން ދުރުކުރުމުގެ ފުރަތަމަ ފިޔަވަޅު ޑިމޮކްރެޓުންނަށް ކުރިއަށް ގެންދެވޭނެ އެވެ. އެކަމަކު ހައުސްގެ ކޮންޓްރޯލް ޑިމޮކްރެޓުން ހޯދި ނަމަވެސް ސެނެޓުގެ އަޣުލަބިއްޔަތު އޮތީ ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީއަށެވެ.

ހައުސްގެ މެޖޯރިޓީ ޑިމޮކްރެޓުންނަށް ލިބުމުން ޓްރަމްޕަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިގްތިސާދީ އެޖެންޑާ ކުރިއަށް ގެންދިއުމަށް ހުރަސްތައް ކުރިމަތިވުމެވެ. މީގެ އިތުރުން ކޮމިޓީތަކުގެ ލީޑަރުންގެ ގޮތުގައި ދެން ތިބޭނީ ޑިމޮކްރެޓުންނެވެ. އެހެންވެ ކޮމިޓީތަކުގެ އެޖެންޑާ ކަނޑައެޅުމުގެ ބާރު ވެސް ޑިމޮކްރެޓުންނަށް ލިބިގެންދާނެ އެވެ.

މިޓް-ޓާމް އިންތިޚާބަށް ފަހު ރައީސް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

މިޑް-ޓާމް އިންތިޚާބުގެ ނަތީޖާ ސާފުވުމާ އެކު ޓްރަމްޕް ވަނީ "އަލިފާނާއި އަލިފާން ކުޅެން" ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ.

"އަޅުގަނޑުމެންގެ މައްޗަށް ތަހުގީގު ހިންގުމުގައި ކޮންގްރެސްގެ ހައުސް ލެވެލްގައި، ޓެކްސް ދައްކާ މީހުންގެ ފައިސާ ބޭކާރު ކުރާ ނަމަ، އަޅުގަނޑުމެން ވެސް އެ މީހުންގެ ތަހުގީގު ހިންގާނަން. އެއީ ސެނެޓުގެ ލެވެލްގައި. އެ ގޭމް ދެބައި މީހުންނަށް ވެސް ކުޅެވޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.

ރިޕަބްލިކަންގެ މެޖޯރިޓީ ވޭތުވެދިޔަ ދެ އަހަރު އޮތް އިރު ހައުސް އިން ނުކުރި ކަންތައްތައް ޑިމޮކްރެޓުން ކުރާނެ ކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި އެމެރިކާގެ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒް ފޯރުވި ކަމަށް ބުނާ މައްސަލަ އިންޓެލިޖެންސް ކޮމިޓީން ބެލުމާއި ޓްރަމްޕުގެ އާއިލީ ވިޔަފާރީގެ މަސްލަހަތުތައް ޖުޑިޝަރީ ކޮމިޓީން ބެލުން ހިމެނެ އެވެ. އަދި ހައުސްގެ ވޭސް އެންޑް މީންސް ކޮމިޓީން ޓްރަމްޕުގެ ޓެކްސްގެ މައްސަލަތައް ބަލާނެ ކަމަށް ވެސް ބެލެވެ އެވެ. ހަމަ އެގޮތަށް ޓްރަމްޕުގެ ސަރުކާރުން ކޮށްފައިވާ ބައެއް ކަންކަން ހައުސްގެ އޯވަސައިޓް ކޮމިޓީން ބަލާނެ ކަމަށް ބެލެވެ އެވެ.

މި ހުރިހާ ކަމަކާ ގުޅިގެން ޓްރަމްޕާ ސުވާލު ކުރުމުން ވިދާޅުވީ އެއްވެސް ކަމަކާ ހާސް ނުވާ ކަމަށެވެ.

"އަޅުގަނޑު ޖެހިލުމެއް ނުވޭ. އެ މީހުން ބޭނުން ކަމެއް އެ މީހުން ކުރާނެ. އަޅުގަނޑު ބޭނުން ކަމެއް އަޅުގަނޑު ކުރާނަން،" ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގައި ކުރިން ރައީސްކަން ކުރެއްވި ދެ ބޭފުޅުން ކަމަށްވާ ބިލް ކްލިންޓަނާއި ބަރަކް އޮބާމާގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ވަނީ ކޮންގްރެސްގެ ދަށު ގޭގެ ކޮންޓްރޯލް ގެއްލިފަ އެވެ. ނަމަވެސް ދެ ބޭފުޅުން ވަނީ ދެ ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފަ އެވެ. އެކަމަކު ދެ ވަނަ ދައުރަކަށް އިންތިޚާބުވުމަށް ޓްރަމްޕް ކުރައްވާ މަސައްކަތަށް ދެންވާނެ ގޮތެއް ނޭނގެ އެވެ.