މެލްބަން (ނޮވެމްބަރު 10) - އެއް ހަށިގަނޑުން ގުޅިފައިވާ ބޫޓާންގެ ދެ ކުދިން ވަކިކުރަން އޮސްޓްރޭލިއާގައި ކާމިޔާބު އޮޕަރޭޝަނެއް ކޮށްފި އެވެ.
އުމުރުން 15 މަހުގެ ނިމާ އާއި ދަވާ ޕެލްޑަން ގުޅިފައި ވަނީ މައި ހަށިގަނޑެވެ. ދެ ކުދިން ވެސް ހިއްސާ ކުރަނީ އެއް ލިވާ އެވެ. ދެ ކުދިން ވަކި ކުރަން އޮޕަރޭޝަން ކުރި ޓީމުގައި ހިމެނޭ އިސް ޑޮކްޓަރު ޖޯ ކްރަމެރީ ވިދާޅުވީ ހަ ގަޑިއިރުގެ އޮޕަރޭޝަން ކާމިޔާބު ކަމަށެވެ. އަދި އެ ކުދިން ސަލާމަތްވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
އެއްމާބަނޑު ދެ ކުދިންނާއި އެ ކުދިންގެ މަންމަ މެލްބަން އަށް ގެންދިޔައީ މިދިޔަ މަހު އެވެ. އެކަމަކު ހުކުރު ދުވަހާ ހަމައަށް އޮޕަރޭޝަން ލަސްކުރީ އެ ކުދިންގެ ނިއުޓްރިޝަން ރަނގަޅު ކުރުމަށެވެ. އޮޕަރޭޝަނުގައި 18 ސްޕެޝަލިސްޓުންގެ ދެ ޓީމު ބައިވެރިވި އެވެ. މެލްބަންގެ ރޯޔަލް ޗިލްރަންސް ހޮސްޕިޓަލުގައި ކުރި އޮޕަރޭޝަނުގައި ކޮންމެ ކުއްޖަކަށް ނުވަ ޑޮކްޓަރުން ތިއްބެވެ.
ޑޮކްޓަރުން ވަނީ ދެ ކުދިންގެ ލިވާ ވެސް ވަކިކޮށްފަ އެވެ. ނަމަވެސް ޑޮކްޓަރުން ވިދާޅުވަނީ ކުރިއަށް އޮތް 24 ނުވަތަ 48 ގަޑިއިރު ވަރަށް މުހިންމު ވާނެ ކަމަށެވެ.
އޮޕަރޭޝަނަށް ބޫޓާނުގެ ދެ ކުދިން މެލްބަން އަށް ގެންދިޔައީ އޮސްޓްރޭލިއާގެ ޗެރިޓީއެއް ކަމަށްވާ ޗިލްރަންސް ފަސްޓް ފައުންޑޭޝަނުގެ އެހީގަ އެވެ. ވިކްޓޯރިއާ ސްޓޭޓުން ވަނީ އޮޕަރޭޝަނުގެ އަގު ކަމަށްވާ 255،000 ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ.
މެލްބަންގެ ހޮސްޕިޓަލުން 2006 ވަނަ އަހަރު ވަނީ އެއްހަށިގަނޑުން ގުޅިފައިވާ ބަންގްލަދޭޝްގެ ދެ ކުދިންގެ އޮޕަރޭޝަން ވެސް ކާމިޔާބުކަމާ އެކު ކޮށްފަ އެވެ. ބޮލުން ގުޅިފައިވާ އެ ދެ ކުދިންގެ އޮޕަރޭޝަނަށް 32 ގަޑިއިރު ހޭދަވި އެވެ.