ފަނޑިޔާރަކަށް ފާޑުކިޔުމުން އެމެރިކާގެ އުއްތަމަ ފަނޑިޔާރުގެ ނުރުހުން ޓްރަމްޕަށް

ވޮޝިންޓަން (ނޮވެމްބަރު 22) - އެމެރިކާގެ ފެޑެރަލް ޖަޖަކަށް ނިސްބަތްކޮށް އެއީ "އޮބާމާގެ ފަނޑިޔާރެއް" ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސް އެކަމަށް ހިތްހަމަނުޖެހުން ފާޅު ކުރައްވައިފި އެވެ.


ފަނޑިޔާރަށް ޓްރަމްޕުގެ ފާޑުކިޔުން އަމާޒުވެފައި ވަނީ އެމަނިކުފާނުގެ އެސައިލަމް ޕޮލިސީ ހުއްޓުވުމުންނެވެ. އެމެރިކާގެ އެންމެ މަތީ ކޯޓުގެ އިސް ފަނޑިޔާރުގެ ނުރުހުން އަމާޒުވި ނަމަވެސް ޓްރަމްޕް ވަނީ އެމަނިކުފާނުގެ ބަސް ދިފާއު ކުރައްވައި އުއްތަމަ ފަނޑިޔާރުގެ ނިންމެވުމުން ވެސް ގޯސް ކަމަށް ވިދާޅުވެފަ އެވެ. ޓްވިޓާ މެދުވެރި ކުރައްވައި ޓްރަމްޕް ވިދާޅުވީ ގައުމުގެ ސަލާމަތާ މެދު ވިސްނާ މީހުންނަށް ވުރެ އޮބާމާގެ ފަނޑިޔާރުންގެ ވިސްނުން ތަފާތު ކަމަށެވެ.

މިއީ ޓްރަމްޕްއާ ދެކޮޅަށް އުއްތަމަ ފަނޑިޔާރު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

"އެމެރިކާގެ ކޯޓުތަކުގައި އޮބާމާގެ ފަނޑިޔާރުންނެއް ނުވަތަ ޓްރަމްޕުގެ ފަނޑިޔާރުން، ބުޝްގެ ފަނޑިޔާރުން ނުވަތަ ކްލިންޓަނުގެ ފަނޑިޔާރުން ނުތިބޭނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. "އެމެރިކާގެ ކޯޓުތަކުގައި ތިބޭނީ ވަރަށް ގާބިލް، އެ މީހުންގެ ގާބިލްކަމުގެ އެންމެ މަތިން މަސައްކަތް ކުރާ އަދި އެ މީހުންގެ ކުރިމައްޗަށް ހާޒިރު ކުރެވޭ މީހުންނާ މެދު އިންސާފުން ހުކުމްކުރާ ފަނޑިޔާރުން."

އެމެރިކާގެ އުއްތަމަ ފަނޑިޔާރު މި ގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ނާދިރު ކަމެކެވެ.

އެމެރިކާގެ ޑިސްޓްރިކްޓް ޖަޖް ޖޮން ޓިގާސް ހުއްޓުވާފައި ވަނީ، ބޯޑަރުގެ ސަލާމަތަށް ކަމަށް ވިދާޅުވެ ޓްރަމްޕް ދާދި ފަހުން އެކުލަވާލި އިމިގްރޭޝަން ސިޔާސަތެވެ. އެ ސިޔާސަތު ޓްރަމްޕް އެކުލަވާލީ ސެންޓްރަލް އެމެރިކާގެ ބަޔަކު އެމެރިކާ-މެކްސިކޯ ބޯޑަރަށް ޖަމާވާން ފެށުމުންނެވެ. އެ އަމުރުގައި މި މަހު 9 ވަނަ ދުވަހު ޓްރަމްޕް ސޮއި ކުރެއްވުމަށް ފަހު ވިދާޅުވެފައި ވަނީ އެމެރިކާ އިން ހިމާޔަތް ހޯދަން ބޭނުންވާ ކޮންމެ މީހަކު އެތެރެވާން ޖެހޭނީ ގާނޫނާ އެއްގޮތަށް ކަމަށެވެ. މިދިޔަ މަހު ފަހުކޮޅު ޓްރަމްޕް ވަނީ މެކްސިކޯ ބޯޑަރަށް ސިފައިން ވެސް ފޮނުވައިފަ އެވެ.