ސިރިސޭނާއާ ޖެހުނު މައްސަލަ ހައްލު ކުރެވޭނެ ކަމުގެ އުއްމީދު ބޮޑު: ރަނިލް

ކޮލަމްބޯ (ޑިސެމްބަރު 23) - ރައީސް މައިތުރިޕާލާ ސިރިސޭނާއާ ޖެހުނު މައްސަލަތައް ހައްލު ކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.


މިދިޔަ އޮކްޓޯބަރު މަހު 28 ވަނަ ދުވަހު މަގާމުން ވަކި ކުރެއްވުމަށް ފަހު މި މަހު އަލުން ބޮޑު ވަޒީރުކަން ދެއްވި ރަނިލް ވިދާޅުވީ ކެބިނެޓަށް މެންބަރުން ހަމަޖެއްސުމުގައި ވެސް ސިރިސޭނާއާ ޚިޔާލު ތަފާތުވި ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު އެކުލަވާލި 30 މެންބަރުންގެ ކެބިނެޓުގައި ރަނިލްގެ ފަރާތުން ހުށަހެޅި ބައެއް ނަންތަކަށް ސިރިސޭނާ ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އަދި ސަލާމަތީ ފަރާތްތަކާއި ފުލުހުންގެ ބާރު ވަނީ ސިރިސޭނާގެ ކޮންޓްރޯލްގެ ދަށަށް ގެންނަވައިފަ އެވެ.

ރަނިލް ވިދާޅުވީ ކެބިނެޓް އެކުލަވާލި ގޮތާ ގުޅޭ ގޮތުން ޕާލަމެންޓަށް ބަޔާނެއް ދެއްވާނެ ކަމަށެވެ. ކެބިނެޓް އިއުލާންކޮށްފައި ވަނީ ބޮޑު ވަޒީރުކަމުގެ ހުވާ ރަނިލް ކުރެއްވިތާ ތިން ދުވަސް ފަހުންނެވެ.

ބޮޑު ވަޒީރުގެ މަގާމު ރަނިލް އަށް އަލުން ދީފައި ވަނީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު އެވެ. އެ މަގާމަށް ރަނިލް ހަމަޖެއްސުމާ އެކު ވަނީ ލަންކާގައި އުފެދުނު ސިޔާސީ ހަމަނުޖެހުންތަކުގައި 51 ދުވަހަށް ގައުމު ހުއްޓިފައި އޮތް އޮތުން ނިމުމަކަށް އައިސްފަ އެވެ.

ބޮޑު ވަޒީރުގެ މަގާމުން ރަނިލް ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސީ އޮކްޓޯބަރު 28 ވަނަ ދުވަހު އެވެ. މަގާމު ދޫކޮށްލަން ރަނިލް ދެކޮޅު ހައްދަވަން ފެށުމުން ސިރިސޭނާ ޕާލަމެންޓް އުވާލެއްވީ ނޮވެމްބަރު 9 ވަނަ ދުވަހު އެވެ.

ރަނިލް އަށް ބޮޑު ވަޒީރުކަން ދެއްވަން ސިރިސޭނާ ތަކުރާރުކޮށް ދެކޮޅު ހެއްދެވި ނަމަވެސް ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެކު ސިރިސޭނާގެ ނިންމެވުން ވަނީ ބަދަލު ކުރައްވައިފަ އެވެ. ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ޕާލަމެންޓް އުވާލުން ގާނޫނު އަސާސީއާ ޚިލާފު ކަމަށެވެ. އަދި ޖެނުއަރީ 5 ވަނަ ދުވަހު ބާއްވަން އިއުލާން ކުރި އިންތިޚާބު ވެސް ސުޕްރީމް ކޯޓުން ވަނީ ކެންސަލް ކޮށްފަ އެވެ.