އިންޑިއާގެ ސީބީއައިގެ ވެރިޔާގެ މަގާމު ސުޕްރީމް ކޯޓުން އިޔާދަކޮށްދީފި

ނިއު ދިއްލީ (ޖެނުއަރީ 9) - އިންޑިއާގެ ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީގެ ވެރިޔާގެ މަގާމު އެ ގައުމުގެ ސުޕްރީމް ކޯޓުން އަލުން އިޔާދަ ކޮށްދީފި އެވެ.


ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) ގެ ވެރިޔާ އަލޮކް ވަރްމާ އާއި އޭނާގެ ނައިބް ރާކޭޝް އަސްތާނާ އިންޑިއާ ސަރުކާރުން ސަސްޕެންޑް ކުރީ އެ ދެ މީހުން އެކަކު އަނެކެއްގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެންނެވެ. އެ މީހުން ސަސްޕެންޑް ކުރީ ތަހުގީގު ކުރިއަށް ދާތީ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ބުނެފައި ވަނީ ސީބީއައިގެ ވެރިޔާގެ ބާރުތައް ދަށް ކުރެވޭނެ ހަމައެއް ނެތް ކަމަށެވެ. ސުޕްރީމް ކޯޓުން މި ގޮތަށް ނިންމީ ވަރްމާ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ވަރްމާއާ އެއްކޮޅަށް ސުޕްރީމް ކޯޓުގެ ހުކުމް އައި ނަމަވެސް އިންޑިއާގެ އެންމެ މަތީ ކޯޓުން ބުނެފައި ވަނީ ކޮރްޕަޝަނުގެ ތަހުގީގު ނުނިމެނީސް ސީބީއައިގެ ބޮޑެތި ނިންމުންތައް ނިންމުމުގައި ވަރްމާ އަށް ބައިވެރި ނުވެވޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަށް އިދިކޮޅު ޕާޓީތަކުން ވަނީ މަރުހަބާ ކިޔައިފަ އެވެ. އަދި ސީބީއައިގެ މައްސަލަތަކަށް ސަރުކާރުން ނުފޫޒް ފޯރުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވެ އެވެ.

ވަރްމާ ވަނީ ސީބީއައި އިން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ހިމެނޭ ވިޔަފާރިވެރިއެއްގެ އަތުން ރިޝްވަތުގެ ގޮތުގައި އަސްތާނާ 30 މިލިއަން ރުޕީސް (409،000 ޑޮލަރު) ގެ ރިޝްވަތު ނަގާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަސްތާނާ ވިދާޅުވެފައި ވަނީ އޭނާ ފްރޭމްކޮށްފައިވާ ކަމަށެވެ. އަދި އެ ވިޔަފާރިވެރިޔާގެ އަތުން 20 މިލިއަން ރުޕީސްގެ ރިޝްވަތު ނެގީ ވަރްމާ ކަމަށް އަސްތާނާ ތުހުމަތުކޮށްފައިވެ އެވެ.

މި ތުހުމަތުތަކާ ގުޅިގެން އިންޑިއާ ސަރުކާރުން ވަނީ ދެ މީހުން ވެސް މިދިޔަ އޮކްޓޯބަރު މަހު ސަސްޕެންޑްކޮށްފަ އެވެ.