ދިވެހިި ފިލްމީތަރި ފައުޒިއްޔާ ހަސަނާއި އިތުރު ދިިވެއްސެއް ކަމަށްވާ މަރިޔަމް ރަޝީދާ އިންޑިއާގައި ޖާސޫސް ކުރުމުގެ ތުހުމަތުކޮށް، ނުހައްގުން ޖަލަށްލި މައްސަލައިގެ ތަހުގީގަށް އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) ގެ ޓީމެއް ރާއްޖެ އަންނަން ނިންމައިފި އެވެ.
ފައުޒިއްޔާ އާއި އޭނާގެ އެކުވެރިޔާ މަރިޔަމް ރަޝީދާ އާއި އިންޑިއަން ސްޕޭސް އެންޑް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) ގެ ސައިންސްވެރިއެއް ކަމަށްވާ ނަމްބީ ނާރާޔަނަން 1994 ވަނަ އަހަރު އިންޑިއާގެ ކެރަލާ ސްޓޭޓްގައި ހައްޔަރުކުރީ އިސްރޯގެ ސިއްރުތަކެއް ދިވެހި ސަރުކާރު މެދުވެރިކޮށް ޕާކިސްތާނަށް ފޯރުކޮށްދޭން އުޅުނު ކަމަށް ތުހުމަތުކޮށެވެ.
އެކަމަކު ދެ އަހަރު ފަހުން އެ ގައުމުގެ ތަހުގީގީ މައި އިދާރާ ކަމަށްވާ ސީބީއައި އިން ކުރި ތަހުގީގުން އެނގުނީ އެއީ ކެރަލާ ފުލުހުން އަމިއްލައަށް އުފައްދަން އުޅުނު މައްސަލައެއް ކަމަށެވެ. އެހެންވެ، އެ މީހުން ދޫކޮށްލި އެވެ. އަދި ކެރަލާ ސްޓޭޓްގެ ފުލުހުން އަމަލުކުރި ގޮތް ބެލުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ސީބީއައިއަށް މި އަހަރު އެންގުމުން ކެރަލާގެ އޭރުގެ ފުލުހުންގެ ވެރިންގެ މައްޗަށް ސީބީއައި އިން މިހާރު ގެންދަނީ ތަހުގީގު ހިންގަމުންނެވެ.
ސީބީއައިިގެ އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން ސީބީއައި އިން ރާއްޖެ އަންނަނީ އެ މައްސަލައިގައި އަނިޔާ ލިބުނު މަރިޔަމް ރަޝީދާގެ ބަޔާން ނެގުމަށެވެ. އަދި މިހާރު ސްރީލަންކާގައި ދިރިއުޅޭ ފައުޒިއްޔާގެ ބަޔާން ނެގުމަށް ސީބީއައި އިން މަސައްކަތް ކުރާ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައިވެ އެވެ.
އެ މައްސަލައިގެ ތަހުގީގަށް ސީބީއައިގެ ޓީމެއް ރާއްޖެ އަންނަން ނިންމިއިރު، އެ މައްސަލައިގައި ދެން ހައްޔަރުކުރި ނަބްމީއަށް ބަދަލުގެ ގޮތުގައި ފަސް މިލިއަން އިންޑިއަން ރުޕީސް އެ ގައުމުގެ ސަރުކާރުން ވަނީ ދީފަ އެވެ. އެ ފައިސާ ދިނީ އެ ގައުމުގެ ސުޕްރީމް ކޯޓުން 2018 ވަނަ އަހަރު ކުރި ހުކުމަކާ ގުުޅިގެންނެވެ.