އަސާންޖް އެމަބްސީ ބޭނުން ކުރީ ޖާސޫސް ކުރަން: އިކުއެޑޯ

ގުއިޓޯ (އެޕްރީލް 15) - ލަންޑަނުގައި ހުންނަ އިކުއެޑޯގެ އެމްބަސީ، ޖޫލިއަން އަސާންޖް ބޭނުން ކުރީ ޖާސޫސީ މަރުކަޒެއްގެ ގޮތުގައި ކަމަށް ރައީސް ލެނިން މޮރެނޯ ވިދާޅުވެއްޖެ އެވެ.


އޭނާ ވިދާޅުވީ އަސާންޖަށް ދީފައިވާ ސިޔާސީ ހިމާޔަތް އުވާލަން އެއްވެސް ގައުމަކުން މަޖުބޫރުކޮށްފައި ނުވާ ކަމަށެވެ. އެކަމަކު އެގޮތަށް ކަންތައް ކުރީ އަސާންޖް ގާނޫނާ ޚިލާފުވުމުން ކަމަށް މޮރެނޯ ވިދާޅުވި އެވެ.

ގާޑިއަން އަށް ދެއްވި އިންޓަވިއުއެއްގައި މޮރެނޯ ވިދާޅުވީ އިކުއެޑޯގެ ކުރީގެ ސަރުކާރުން ވަނީ އެމްބަސީގެ ތެރޭގައި އެހެން ގައުމުތަކުގެ ކަންކަމާ ބެހެން ކަންކަން ފަހިކޮށްދީފައިވާ ކަމަށެވެ.

އިކުއެޑޯގެ ވެރިކަމަށް މޮރެނޯ ވަޑައިގެންނެވީ 2017 ވަނަ އަހަރު އެވެ.

"އިކުއެޑޯގެ ހަމަޖެހުން ނަގާލަން ކުރާ އެއްވެސް ކަމެއް ބަލައިނުގަނެވޭނެ. އިކުއެޑޯ އަކީ މިނިވަން ގައުމެއް. އެހެން ގައުމުތަކަށް ވެސް އިހްތިރާމް ކުރާ ގައުމެއް. އިކުއެޑޯގެ މަރުކަޒެއް އެހެން ގައުމުތަކަށް ޖާސޫސް ކުރަން ބޭނުން ކުރުމުގެ ފުރުސަތެއް ނުދެވޭނެ،" މޮރެނޯ ވިދާޅުވި އެވެ.

އިކުއެޑޯގެ ރައީސް ވިދާޅުވީ އެމްބަސީގެ ތެރޭގައި އަސާންޖް އުޅެފައި ވަނީ ވަރަށް "މުޑުދާރުކޮށް" ކަމަށެވެ. ނަމަވެސް އަސާންޖްގެ ވަކީލް ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އިކުއެޑޯ އިން މަސައްކަތް ކުރަނީ އެ ގައުމުން ކުރި ގާނޫނާ ޚިލާފު ކަންތައް ރަނގަޅު ކަމަކަށް ހެދޭތޯ ކަމަށެވެ.

އަސާންޖް، 47، އަށް އިކުއެޑޯ އިން ދިން ހިމާޔަތް އަނބުރާ ގެނައުމުން އިނގިރޭސި ފުލުހުން އޭނާ ހައްޔަރު ކުރީ މިިދޔަ ބުރާސްފަތި ދުވަހު އެވެ. އިކުއެޑޯ އެމްބަސީގެ ހިމާޔަތް އަސާންޖް ހޯދީ 2012 ވަނަ އަހަރު އެވެ.