އެގްޒިޓް ޕޯލްތަކުން ދައްކަނީ މޯދީގެ ކޯލިޝަނުން ކުރި ހޯދާނެ ކަމަށް

ނިއު ދިއްލީ (މެއި 19) - އިންޑިއާގައި މިއަދު ނިމުނު، ދިގު ދެމިގެން ދިޔަ އިންތިޚާބު ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ކޯލިޝަނުން ކުޑަ ތަފާތަކުން ނަމަވެސް ކާމިޔާބު ކުރާނެ ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކައިފި އެވެ.


އިންޑިއާގެ މީޑިއާތަކުން މިއަަދު އާއްމުކުރި އެގްޒިޓް ޕޯލްތަކުން ދައްކާ ގޮތުގައި ބީޖޭޕީ އަށް ބައެއް ގޮނޑި ގެއްލުނު ނަމަވެސް، ކޯލިޝަންގެ ބައިވެރިންގެ ތާއީދާ އެކު އެެ ޕާޓީ އަށް ޕާލަމެންޓުގެ ދަށު ގޭގެ 543 ގޮނޑީގެ އަޣުލަބިއްޔަތު ލިބޭނެ އެވެ. ބީޖޭޕީ އިސްކޮށް ހަރަކާތްތެރިވާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އިން ޕާލަމެންޓުގެ ދަށުގޭ ނުވަތަ ލޮކް ސަބާގެ 287 އާއި 306 އާ ދެމެދުގެ އަދަދެއްގެ ގޮނޑި ކާމިޔާބު ކުރާނެ ކަމަށް މަދުވެގެން ހަތަރު އެގްޒިޓް ޕޯލުން ދައްކާފައިވެ އެވެ. ބީޖޭޕީން 2014 ވަނަ އަހަރުގެ އިންތިޚާބުގައި ހޯދާފައި ވަނީ 282 ގޮނޑި އެވެ.

އިދިކޮޅު އިންޑިއަން ނޭޝަނަލް ކޮންގްރެސް ޕާޓީ އިސްކޮށް އޮވެ އުފައްދާފައިވާ ޔުނައިޓެޑް ޕްރޮގްރެސިވް އެލަޔަންސް (ޔޫޕީއޭ) އަށް ލިބޭނެ ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކަނީ 128-132 އާ ދެމެދުގެ އަދަދެއްގެ ގޮނޑި އެވެ. އެންމެ ފަހުން ބޭއްވި އިންތިޚާބުގައި ކޮންގްރެސް އަށް ލިބިފައި ވަނީ 44 ގޮނޑި އެވެ.

ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދަން ބޭނުން ވަނީ 272 ގޮނޑި އެވެ.

އެގްޒިޓް ޕޯލްތައް ހާމަކޮށްފައި ވަނީ އެޕްރީލް 11 ވަނަ ދުވަހު ފެށި އިންތިޚާބުގެ ފަހު ބުރުގެ ވޯޓުލުން މިއަދު ނިމުމާ އެކު އެވެ.

އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 900 މިލިއން މީހުންނަށް ލިބިގެންނެ އެވެ. ހަތް ބުރުގެ ހުރިހާ ވޯޓެއް ގުނާނީ ބުރާސްފަތި ދުވަހު އެވެ. ހަމަ އެ ދުވަހު ނަތީޖާ ވެސް އިއުލާން ކުރާނެ އެވެ.