އިންޑިއާގެ ކުޅަދާނަ ކްރިމިނަލް ލޯޔަރު ރާމް ޖޭތުމަލާނީ އަވަހާރަވެއްޖެ

ނިއު ދިއްލީ (ސެޕްޓެމްބަރު 8) – އިންޑިއާގެ އެންމެ ކުޅަދާނަ އެއް ކްރިމިނަލް ލޯޔަރު އަދި ކުރީގެ ވަޒީރު ރާމް ޖޭތުމަލާނީ އުމުރުފުޅުން 95 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.


އާއިލާއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖޭތުމަލާނީ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެފައިވަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

މިހާރު ޕާކިސްތާނުގެ ބަޔަކަށްވެފައިވާ ޝިކާރްޕޫރަށް 1923 ވަނަ އަހަރު އުފަންވެވަޑައިގެންނެވި ޖޭތުމަލާނީ ބޮމްބޭ ޔުނިވާސިޓީން ގާނޫނީ ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވިއިރު އުމުރުފުޅަކީ 17 އަހަރެވެ. އެކަމަކު އޭރުގެ ގާނޫނު ބުނާ ގޮތުން ވަކީލަކަށް ވެވެނީ 21 އަހަރު ވުމުން ކަމަށްވާތީ އެ ފުރުސަތު ލިބިވަޑައިނުގަތެވެ.

އެއާ އެކު އޭނާ އެ މައްސަލަ ކޯޓަށް ހުށަހަޅުއްވައި ގާނޫނީ ވަކީލަކަށް ވެވަޑައިގަތުމުގެ ހާއްސަ ހުއްދައެއް ހޯއްދެއްވި އެވެ. ބެލެވޭ ގޮތުގައި އޭނާ ވަކާލާތުކުރެއްވީ އެފަދަ ގާނޫނެއް ނެތީސް ކިޔަވަން ފެށި ކުދިން ހާއްސަ އިމްތިޔާޒެއް ލިބެންޖެހޭ ކަމަށެވެ.

އިންޑިއާ ދެބައިވެ ޕާކިސްތާން އުފެދުމުގެ ކުރިން ކަރާޗީގައި ލޯފާމެއް ހުޅުވައި އޭނާ މަސައްކަތް ފެއްޓެވި އެވެ. އެކަމަކު ދެ ގައުމު ބައިވުމުން އޭނާ ފިއްލަވައިގެން ވަޑައިގެންނެވީ އިންޑިއާ އަށެވެ. އެ ގައުމުގައި ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅުއްވަން ޖެހިވަޑައިގަތެވެ.

ޖޭތުމަލާނީ އިންޑިއާގައި ވަކާލާތުކުރެއްވި ފުރަތަމަ މައްސަލައަކީ، އޭރުގެ ޗީފް މިނިސްޓަރު މޮރާޖީ ދެސާއީ ތަސްދީގުކުރެއްވި ބޮމްބޭ ރެފިއުޖީ އެކްޓުގެ މައްސަލައިގަ އެވެ. އެ ގާނޫނުގެ ދަށުން ރެފިއުޖީންނާ މެދު ދެކެނީ ކުށްވެރިންނާ އެއް ދަރަޖައެއްގައި ކަމުން އޭނާ ވަނީ އެއީ ގާނޫނު އަސާސީއާ ހިލާފު ގާނޫނެއް ކަމަށް ބޮމްބޭ ހައިކޯޓުގައި ވަކާލާތުކުރައްވައި މައްސަލަ ކާމިޔާބުކުރައްވައިފަ އެވެ.

ދިފާއީ ވަކީލެއްގެ ގޮތުގައި މަޝްހޫރުވެވަޑައިގެންނެވި ޖޭތުމަލާނީ ވަނީ އިންޑިއާގެ ވަރަށް ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވައިފަ އެވެ. އިންޑިއާގެ ކުރީގެ ދެ ބޮޑުވަޒީރުން ކަމަށްވާ އިންދިރާ ގާންދީ އާއި ރަޖީވް ގާންދީ އަވަހާރަކޮށްލި ކަމަށް ދައުފާ އުފުލު މީހުންގެ ދިފާއުގައި ވެސް ވަކާލާތުކުރެއްވި އެވެ.

އޭނާގެ އެންމެ ފާހަގަކޮށްލެވޭ ހުނަރަކީ ހެކިވެރިން ކްރޮސް އެގްޒެމިންކުރެއްވުމެވެ. ހެކިވެރިންނާ އެހާމެ މޮޅަށް ސުވާލުކުރައްވައި ވަރަށް ގިނަ ފަހަރު އޭނާ ވަނީ އިދިކޮޅު ވަކީލުންގެ އަނގަ ބަންދުކޮށްލައިފަ އެވެ.

ގާނޫނީ ދާއިރާގެ ޕްރޮފެސަރެއްގެ ދަރަޖަ ލިބި އަދި ދުނިޔޭގެ ފާހަގަކޮށްލެވޭ ޔުނިވާސިޓީތަކުގައި ގާނޫނު ކިޔަވައިދެއްވާ ޖޭތުމަލާނީ ވަނީ އިންޑިއާގެ ބާ ކައުންސިލުގެ ޗެއާމަންކަން ހަތަރު ދައުރެއްގައި ފުރުއްވައިފަ އެވެ. އޭނާ ވަޒީރުކަން ކުރެއްވީ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީގެ ދައުރުގަ އެވެ. އެގޮތުން މިނިސްޓަ އޮފް ލޯ އެންޑް ޖަސްޓިސްގެ މަގާމް ދެ ފަހަރެއްގެ މަތިން އަދި މިނިސްޓަ އޮފް އާބަން ޑިވެލޮޕްމަންޓްކަން އެއް ފަހަރު ކުރެއްވި އެވެ. އަދި އިންޑިއާގެ ގާނޫނު ހަދަ މަޖިލީހުގެ ލޮކް ސަބާގެ މެމްބަރުކަން 1977-1984 އަށް އަދި ރަޔްޖާސަބާގެ މެމްބަރުކަން 1988 އިން މިއަދު އަވަހާރަވުމާ ހަމަޔަށް އައީ ފުރުއްވަމުންނެވެ.