ދުބާއީ (ސެޕްޓެމްބަރު 29) - ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރަމުން ދަނިކޮށް ޖުލައި މަހު އީރާނުން ހިފެހެއްޓި އިނގިރޭސި ވިލާތުގެ ތެޔޮ ހުރި ޓޭންކަރު ސްޓެނާ އިމްޕެރޯ ދެ މަހަށް ފަހު، އީރާނުން ދޫކޮށްލުމުން އެ ޓޭންކަރު ދުބާއީގައި އިއްޔެ ބަނދަރުކޮށްފި އެވެ.

އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް ވިދާޅުވީ އީރާނުން އެ ބޯޓު ހިފެހެއްޓީ ގަވާއިދާޚިލާފަށް ކަމަށާއި އެއީ ދަތުރުފަތުރު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅުން ކަމަށެވެ. ޓޭންކަރު އީރާނުން ފުރީ ހުކުރު ދުވަހު އެވެ.

"ތެޔޮ ޓޭންކަރު ފުރި ނަމަވެސް އެ ޓޭންކަރުގެ މައްސަލަ އީރާނުގެ ކޯޓުގައި އެބައޮތް،" ދެކުނުގެ ހޯމޮޒްގަން ޕްރޮވިންސްގެ މެރިޓައިމް އޮގަނައިޒޭޝަނުން ބުންޏެވެ.

ޓޭންކަރު މިހާރު އޮތީ ދުބާއީގެ ރާާޝީދު ބަނދަރުގަ އެވެ.

އީރާނުން ދޫކޮށްލި އިނގިރޭސި ވިލާތުގެ ތެޔޮ ހުރި ޓޭންކަރު ދުބާއީގެ ބަނދަރުގައި. --ފޮޓޯ:އޭއެފްޕީ
އީރާނުން ދޫކޮށްލި އިނގިރޭސި ވިލާތުގެ ތެޔޮ ހުރި ޓޭންކަރު ދުބާއީގެ ބަނދަރުގައި. --ފޮޓޯ:އޭއެފްޕީ

ސްޓެނާ އިމްޕެރޯ އޮޕަރޭޓް ކުރާ ސްވިޑަންގެ ކުންފުނި ސްޓެނާ ބަލްކުގެ ސީއީއޯ އެރިކް ހަނެލް ވިދާޅުވީ ޓޭންކަރު ދޫކޮށްލުމަކީ ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށެވެ. ޓޭންކަރުގައި ތިބި 23 ފަޅުވެރިންގެ ތެރޭން ހަތް މީހުން ވަނީ މި މަހު 4 ވަނަ ދުވަހު ދޫކޮށްލައިފަ އެވެ. ދޫކޮށްލީ އިންޑިއާގެ ފަސް ފަޅުވެރިންނާއި ލެޓްވިއާ މީހަކާއި ރަޝިޔާ ފަޅުވެރިއެކެވެ.

ތެޔޮ ޓޭންކަރު ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުން ދަނިކޮށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އަރާ 23 ފަޅުވެރިންނާ އެކު ހިފެހެއްޓީ ޖުލައި 19 ވަނަ ދުވަހު އެވެ.

އީރާނުން ދޫކޮށްލި އިނގިރޭސި ވިލާތުގެ ތެޔޮ ހުރި ޓޭންކަރު އީރާނުގެ ބަންދަރު އައްބާސް އިން ފުރަނީ. --ފޮޓޯ:އޭއެފްޕީ
އީރާނުން ދޫކޮށްލި އިނގިރޭސި ވިލާތުގެ ތެޔޮ ހުރި ޓޭންކަރު އީރާނުގެ ބަންދަރު އައްބާސް އިން ފުރަނީ. --ފޮޓޯ:އޭއެފްޕީ

އީރާނުން ބުނެފައި ވަނީ އެ ޓޭންކަރު ހިފެހެއްޓީ ކަނޑުދަތުރުފަތުރު ކުރުމާ ގުޅޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވުމުން ކަމަށެވެ. އެކަމަކު އެ ޓޭންކަރު ހިފެހެއްޓީ އީރާނުގެ ތެޔޮ ހުރި ޓޭންކަރަކަށް ޖިބްރޯލްޓާގެ ބޭރުން އިނގިރޭސި ސިފައިން އަރާ ހިފެހެއްޓިތާ ދެ ހަފުތާ ފަހުންނެވެ.

އިނގިރޭސި ވިލާތުން ބުނެފައި ވަނީ ގްރޭސް 1ގެ ނަންދީފައިވާ ޓޭންކަރު ހިފެހެއްޓީ، ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް، ސީރިއާ އަށް ތެޔޮ އުފުލާ ކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ. ނަމަވެސް ޖިބްރޯލްޓާގެ ސުޕްރީމް ކޯޓުން ހުއްދަ ދިނުމުން އެ ޓޭންކަރު ވަނީ އެ ގައުމުން ފުރައިފަ އެވެ. އޮގަސްޓް 15 ވަނަ ދުވަހު ޓޭންކަރު ފުރިއިރު ވަނީ އެޑްރިއަން ޑަރިއާ 1 ގެ ނަމަށް ބަދަލުކޮށްފަ އެވެ. އީރާނުން އޭރު ބުނެފައި ވަނީ ޓޭންކަރުގައި ހުރި 2.1 މިލިއަން ފީފާ ތެޔޮ ވިއްކާލާފައިވާ ކަމަށެވެ.