ދިރިހުއްޓާ ދަރިވަރު އަންދާލި 16 މީހަކަށް މަރުގެ ހުކުމް

ޑާކާ (އޮކްޓޯބަރު 24) - މިދިޔަ އެޕްރީލް މަހު ބަންގްލަދޭޝްގައި ދިރި ހުއްޓައި އަންދާލި 19 އަހަރުގެ އަންހެން ދަރިވަރު މަރާލުމުގައި ބައިވެރިވި 16 މީހަކަށް އެ ގައުމުގެ ކޯޓަކުން މަރުގެ ހުކުމް މިއަދު އިއްވައިފި އެވެ.


ނުސްރަތު ޖަހަން ރަފީގެ ގަޔަށް ކަރާސީނު އަޅާ ރޯކޮށްލީ ހެޑް ޓީޗަރާ ދެކޮޅަށް އޭނާ ހުށަހެޅި ޖިންސީ ގޯނާގެ މައްސަލަ އަނބުރާ ނުގެންދިއުމުންނެވެ.

ނުސްރަތަށް ޖިންސީ ގޯނާކުރި، ހެޑް ޓީޗަރު ސިރާޖުއް ދައުލާ. --ފޮޓޯ:ރޮއިޓާސް

"މި ހުކުމުން ދައްކުވައިދެނީ މީހަކު މަރާލުމަށް ފަހު ބަންގްލަދޭޝް އިން އެއްވެސް މީހަކަށް ސަލާމަތެއް ނެތްކަން. މިއީ ގާނޫނު ހިނގާ ގައުމެއް،" ހުކުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓާ ހާފިޒް އަހުމަދު ވިދާޅުވި އެވެ.

ރަފީ އަށް ހަމަލާ ދިން މީހުން ވަނީ އޭނާ ކިޔެވި ސްކޫލުގެ ފުރާޅަށް އަރުވައި، ފުލުހަށް ހުށަހެޅި މައްސަލަ ނެގުމަށް މަޖްބޫރުކޮށްފަ އެވެ. އެކަމަށް އޭނާ ދެކޮޅު ހެދުމުން ވަނީ، ކަރާސީނު އަޅައި ރޯކޮށްލައިފަ އެވެ. އޭނާގެ ހަށިގަނޑުގެ 80 ޕަސެންޓް ވަނީ ފިހިފަ އެވެ. އެޕްރީލް 10 ވަނަ ދުވަހު އޭނާ މަރުވީ ހޮސްޕިޓަލްގައި ފަރުވާދޭތާ ފަސް ދުވަސް ފަހުންނެވެ.

މަރާލި ދަރިވަރު ނުސްރަތުގެ ފޮޓޯ ހިފައިގެން އެޕްރީލް 12، 2019 ގައި ޑާކާގައި މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ

އެ ހާދިސާ އަށް ފަހު ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް، ބަންގްލަދޭޝްގެ 27،000 ސްކޫލްގައި ކޮމިޓީތައް އުފެއްދުމަށް ވަނީ އަންގައިފަ އެވެ.

ރަފީގެ މަރަށް ފަހު ބަންގްލަދޭޝްގައި ވަނީ، އޭނާ މަރާލި މީހުންނަށް އަދަބު ދިނުމަށް ގޮވާލައި ސިލްސިލާ މުޒާހަރާތަކެއް ކޮށްފަ އެވެ. ބޮޑު ވަޒީރު ޝެއިޚް ހަސީނާ ވަނީ އެ މަރަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.