ޓްރަމްޕް-ހިލަރީގެ ބަހުސް ރެކޯޑް އަދަދަކަށް މީހުން ބެލި

ނިއު ޔޯކް (ސެޕްޓެމްބަރު 28) - އެމެރިކާގައި މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަނާއި ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕު ހޯމަ ދުވަހުގެ ރޭ ބޭއްވި ބަހުސް ރެކޯޑް އަދަދަކަށް މީހުން ޓީވީން ބަލައިފި އެވެ.


އެމެރިކާގެ ޓީވީތަކުން މި ބަހުސް ވަނީ 84 މިލިއަން މީހުން ބަލައިފަ އެވެ. މީގެ ކުރިން އެންމެ ގިނަ މީހުން ބެލީ މީގެ 36 އަހަރު ކުރިން 1980 ވަނަ އަހަރު ޖިމީ ކާޓާ އާއި ރޮނަލްޑް ރޭގަން ބޭއްވި ބަހުސް އެވެ. އެ ބަހުސް ވަނީ 80.6 މިލިއަން މީހުން ބަލައިފަ އެވެ.

ޓްރަމްޕާއި ހިލަރީގެ ބަހުސް ވަނީ އެމެރިކާގެ 13 ޓީވީ ޗެނަލަކުން ވަގުތުން ދައްކައިފަ އެވެ. އެހެންކަމުން ބައެއް ފަރާތްތަކުން ބުނަނީ ޓީވީން ބަހުސް ބެލި މީހުންގެ އަދަދު 84 މިލިއަނަށް ވުރެ އިތުރުވާނެ ކަމަށެވެ. މީގެ އިތުރުން ދުނިޔޭގެ އެހެން ހިސާބުތަކުން ވެސް މި ބަހުސް ވަނީ އެތައް މިލިއަން ބަޔަކު ޓީވީގެ ޒަރީއާ އިންނާއި އޮންލައިންކޮށް ބަލައިފަ އެވެ.

ބަހުސަށް ފަހު ސަޕޯޓަރުންނަށް ޓްރަމްޕް ވިދާޅުވެފައި ވަނީ އެއީ އެންމެ ބޮޑު އޯޑިއެންސް ލިބުނު ޓީވީ ޝޯކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.

އެމެރިކާގައި އެންމެ ބޮޑު ޓީވީ އޯޑިއެންސެއް ލިބިފައި ވަނީ މިދިޔަ އަހަރުގެ ސުޕަ ބޯލް ފައިނަލުގައި ނިއު އިންގްލެންޑާއި ސިއެޓްލް ބައްދަލު ކުރި މެޗަށެވެ. އެ މެޗު ވަނީ 114.4 މިލިއަން މީހުން ޓީވީން ބަލައިފަ އެވެ.

ރިޔާސީ ކެންޑިޑޭޓުންގެ އިތުރު ދެ ބަހުސް އަަދި އޮންނާނެ އެވެ. ދެ ވަނަ ބަހުސް އޮންނާނީ އަންނަ މަހު 9 ވަނަ ދުވަހު އެވެ. އަދި ތިން ވަނަ ބަހުސް އޮންނާނީ އަންނަ މަހު 19 ގަ އެވެ. އޭގެ ކުރިން އަންނަ މަހު 4 ގައި ނައިބް ރައީސުންގެ ބަހުސް އޮންނާނެ އެވެ.