އިންޑިއާގެ ގޭންގް ރޭޕުގައި މަރަން ހުކުމްކޮށްފައިވާ ހަތަރު މީހުން. --ފޮޓޯ:ދިއްލީ ޕޮލިސް
08 ޖެނުއަރީ 2020 - 13:11
ނިއު ދިއްލީ (ޖެނުއަރީ 8) - އިންޑިއާގައި 2012 ވަނަ އަހަރު ބަހެއްގެ ތެރޭގައި ސްކޫލް ދަރިވަރަކު ރޭޕްކުރި ހަތަރު މީހުންނަށް އިއްވާފައިވާ މަރުގެ އަދަބު މި މަހު 22 ވަނަ ދުވަހު ތަންފީޒް ކުރަން ކޯޓުން ނިންމައިފި އެވެ.
މުޅި އިންޑިއާގެ ސަމާލުކަން ހުއްޓުނު އެ ހާދިސާގައި އަކްޝޭ ތަކޫރު، ވިނޭ ޝަރުމާ، ޕަވަން ގުޕްްތާ އަދި މުކޭޝް ސިންގު މަރަން އަވަސް ނިޔާގެ ކޯޓަކުން ހުކުމްކުރީ 2013 ވަނަ އަހަރު އެވެ.
އުމުރުން 23 އަހަރުގެ ކޮލެޖް ދަރިވަރު ރޭޕް ކުރުމުން ލިބުނު އަނިޔާތަކަށް ސިންގަޕޫރުގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ 13 ދުވަސް ފަހުންނެވެ.
ހަތަރު މީހުންނަށް މަރުގެ އަދަބު ދިނުން ހަމައެކަނި ފަސް ކުރެވޭނީ އެ މީހުންގެ އިސްތިއުނާފް ސުޕްރީމް ކޯޓުން ބަލައިގަތުން އަދި އިންޑިއާގެ ރައީސް އެ މީހުންނަށް އަފޫއާއްމެއް ދިނުމުންނެވެ. ހަތަރު މީހުންގެ ވަކީލުން އެ މައްސަލަ އިސްތިއުނާފް ކޮށްފައެއް ނުވެ އެވެ.
އަންގާރަ ދުވަހު އޮތް އަޑުއެހުމުގައި ޕަބްލިކް ޕްރޮސެކިއުޓާ ވަނީ ކޯޓުން ކަނޑައެޅި ތާރީޚުގައި ހުކުމް ތަންފީޒް ކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި އިސްތިއުނާފް ލަސްކުރަމުން ދަނީ ހުކުމް ތަންފީޒް ކުރުން ލަސްކުރުމުގެ ބޭނުމުގައި ކަމަށް ވެސް ޕްރޮސެކިއުޓާ ވިދާޅުވި އެވެ.
ޖިންސީ ޝިކާރައަކަށްވި ކުއްޖާގެ މަންމަ ވެސް ކުރިން ވަނީ ހުކުމް ތަންފީޒް ކުރުން ލަސްކުރާތީ ސުވާލު އުފައްދައިފަ އެވެ. ނަމަވެސް ކޯޓުން ތާރީޚު ކަނޑައެޅުމުން އުފާކުރާ ކަމަށް ބުންޏެވެ.
"ހަތް އަހަރަށްވުރެ ގިނަ ދުވަހު ކެތްތެރިކަމާ އެކު އިންތިޒާރު ކުރެވިއްޖެ،" އޭނާ ބުންޏެވެ.
ޑިސެމްބަރު 16، 2012 ވަނަ ދުވަހުގެ ރޭ ހިންގި ގޭންގް ރޭޕުގެ ހާދިސާއާ ގުޅިގެން މުޅި އިންޑިއާގައި މުޒާހަރާތައް އިތުރުވި އެވެ. އަދި ރޭޕު ކުރާ މީހުންނަަށް މަރުގެ އަދަދު ދިނުމަށް ވަނީ ގޮވާލައިފަ އެވެ. ނަތީޖާއެއްގެ ގޮތުން ވަނީ ރޭޕާ ގުޅޭ ގާނޫނުތައް ހަރުކަށިކޮށްފަ އެވެ.
ގޭންގް ރޭޕާ ގުޅިގެން އެންމެ ފުރަތަމަ ހަ މީހުން ހައްޔަރުކުރި އެވެ. އޭގެ ތެރޭން އެކަކު ކަމަށްވާ ރާމް ސިންގް ވަނީ މާޗް 2013 ގައި ޖަލުގައި އަމިއްލަ އަށް މަރުވެފަ އެވެ. އެ މައްސަލައިގައި ދެން ހިމެނޭ ކުޑަ ކުއްޖާ އަށް އޭރު 17 އަހަރު ފުރިފައި ނުވާތީ އެ ކުއްޖާ ވަނީ އިސްލާހީ މަރުކަޒެއްގައި ތިން އަހަރު ބަންދުކޮށްފަ އެވެ. އެއީ އިންޑިއާގެ ގާނޫނު ބުނާ ގޮތުން ކުޑަ ކުދިންނަށް ދެވޭނެ އެންމެ ބޮޑު އަދަބެވެ. އެ ކުއްޖާގެ ހުކުމް ތަންފީޒްކޮށް ނިމުމުން 2015 ވަނަ އަހަރު ވަނީ ދޫކޮށްލައިފަ އެވެ.
އިންޑިއާގައި މަރުގެ އަދަބު ދެނީ ވަރަށް މަދުންނެވެ. ދެހާސް ހަތަރު ވަނަ އަހަރުގެ ފަހުން މިހާތަނަށް މަރުގެ އަދަބު ދީފައި ވަނީ ހަތަރު މީހުންނަށެވެ. އެންމެ ފަހުން މަރުގެ އަދަބު ދީފައި ވަނީ 1993 ވަނަ އަހަރުގެ މުމްބާއީ ބޮމުގެ ހަމަލާ އަށް ޚަރަދު ކުރިި ޔައުގޫބު މެނަން އަށެވެ. އޭނާ ދަންޖައްސާފައި ވަނީ 2015 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުމްރީ
08 January 2020
މިވެސް އިސްލާމީ ޤައުމެއްގަ ޝަރީޢާގެ ޙުކުމެއްގައި މަރު ހިފަން އުޅެނަމަ ހާދަ ކަމެއް ދޮންމީހުން ދައްކާނެޔޭދޯ
ހަބޭސް2020
08 January 2020
ބީޖޭޕީގެ ގިނަ ސިޔާސީ ލީޑަރުންވެސް މަރައިގެން އިންޑިޔާގައި ގޭންގުރޭޕް ހުއްޓުވޭނީ ގޭންގުރޭޕް ރާވައި ހިންގަނީ އިންޑިޔާގެ ބީޖޭޕީގެ ބައެއް ލީޑަރުންނާއި ހިންދޫ ދީންނުގެ ހާމުދުރުން