ބޭހަށް ފޮނުވި ނަވާޒް ޝަރީފް "ފިއްލަވައިފި" ކަމަށް ބުނެފި

އިސްލާމްއާބާދު (ފެބްރުއަރީ 26) - ޖަލުގައި ހުންނަވަނިކޮށް ހިތްޕުޅުގެ އާލާސްކަންފުޅެއް ދިމާވެގެން، ލާހޯރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް ގައުމުން ބޭރަށް މިދިޔަ އަހަރު ފޮނުވި ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް "ފިއްލަވައިފި" ކަމަށް ޕާކިސްތާން ސަރުކާރުން ބުނެފި އެވެ.


ޕާކިސްތާން ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ ބައެއް މީޑިއާތަކުން އިއްޔެ ބުނީ ގައުމުން ބޭރަށް ބޭހަށް ފޮނުވުމާ ގުޅޭ ގޮތުންވެފައިވާ އެއްބަސްވުމާ ނަވާޒް ޝަރީފް ޚިލާފުވެވަޑައިގެންފައިވާ ކަމަށެވެ.

ލާހޯރުގެ ހައި ކޯޓުން ދިން ޚާއްސަ ހުއްދައެއްގެ ދަށުން އިތުރު ފަރުވާ އަށް ހަތަރު ހަފުތާގެ މުއްދަތަށް ނަވާޒް ޝަރީފް، 70، ލަންޑަނަށް ފުރުވާލީ މިދިޔަ ނޮވެމްބަރު މަހު އެވެ. ނަވާޒް ޝަރީފް ގެންދިޔައީ ގަތަރު އެއާވޭސްގެ އެއާ އެމްބިއުލެންސެއްގަ އެވެ. ނަވާޒް ޝަރީފުގެ ޑޮކްޓަރު ވިދާޅުވެފައި ވަނީ ހިތްޕުޅުގެ މައްސަލަތައް ވަރަށް ބޮޑުކަމަށާއި އެހެންވެ އިތުރު އޮޕަރޭޝަންތައް ކުރަން ޖެހޭ ކަމަށެވެ.

ނަމަވެސް ޕާކިސްތާން ސަރުކާރުން އަންގާރަ ދުވަހު ނިންމާފައި ވަނީ ބޭހަށް ނަވާޒް ޝަރީފަށް ދިން މުއްދަތު ދެން އިތުރު ނުކުރާ ގޮތަށެވެ. އަދި އިސްލާމްއާބާދުގެ ހައި ކޯޓުގެ އަމުރާ އެއްގޮތަށް އުފައްދާފައިވާ މެޑިކަލް ބޯޑަށް ނަވާޒް ޝަރީފުގެ މެޑިކަލް ރިޕޯޓް ހުށަހަޅާފައި ނުވާތީ އެމަނިކުފާން "ފިއްލެވި" ކަމަށް ޕާކިސްތާން ސަރުކާރުން ނިންމާފައިވާ ކަމަށް ޑޯން ނޫހުން ބުނެފައި ވެ އެވެ. އެ ގޮތަށް ނިންމާފައި ވަނީ ބޮޑު ވަޒީރު އިމްރާން ޚާން ރިޔާސަތު ބެލެހެއްޓެވި ކެބިނެޓުގެ ބައްދަލުވުމެއްގައި ކަމަށް ވެސް ނޫހުން ބުނެފައިވެ އެވެ.

"ލަންޑަނުގެ އެއްވެސް ހޮސްޕިޓަލަކުން ނަވާޒް ޝަރީފުގެ މެޑިކަލް ރިޕޯޓެއް ހުށަހަޅާފައި ނުވާތީ އެމަނިކުފާނުގެ ފަރާތުން ހުށަހެޅި މެޑިކަލް ސެޓްފިކެޓް ގަބޫލް ނުކުރަން ވަނީ ނިންމާފައި. އަދި ސަރުކާރުން ވަނީ ނަވާޒް ޝަރީފް ފިއްލެވި ކަމަށް ނިންމާފައި،" ކެބިނެޓުގެ ބައްދަވުމަށް ފަހު، ބޮޑު ވަޒީރުގެ ސްޕެޝަލް އެސިސްޓެންޓް ފިރްދައުސް އާޝިގު އަވާން ވިދާޅުވި އެވެ.