ރިޔާޒް (މާޗް 2) - ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަހަށް ސައުދީ އަރަބިއާ އިން މީހަކު މިއަދު ޕޮޒިޓިވްވެއްޖެ އެވެ.
ސައުދީ އަރަބިއާ އިން ކޮވިޑް-19 ޖެހިފައި ވަނީ އީރާނަށް ދަތުރުކުރި ސައުދީ ރައްޔިތަކަށެވެ. އޭނާ އީރާނަށް ދިއުމަށް ފަހު ސައުދީ އަށް އެތެރެވެފައި ވަނީ ބަހުރޭން މަގުންނެވެ. ސައުދީ އަރަބިއާގެ ހެލްތު މިނިސްޓްރީން ބުނީ އެ މީހާ އީރާނަށް ދަތުރުކުރިކަން އެނގުމުން ޓެސްޓްކުރި އިރު ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ވައިރަހަށް ޕޮޒިޓިވްވި މީހާ ހޮސްޕިޓަލްގައި އެކަހެރިކޮށްގެން މިހާރު ފަރުވާ ދެމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. ނޭޝަނަލް ސެންޓަ ފޯ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލުން ބުނީ ވައިރަހަށް ޕޮޒިޓިވްވި މީހާއާ ގައިގޯޅިވެ އުޅުނު އެންމެން ދެނެގަނެވި އެ މީހުންގެ ސާމްޕަލް މިހާރު ނަގާފައިވާ ކަމަށެވެ. އަދި ނަތީޖާ ލިބުމުން އާއްމު ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
ސައުދީގެ އިތުރުން އަރަބި ދުނިޔެ އިން މިއަދު އަލަށް ވަނީ ޖޯޑަން އާއި ޓިއުނީޝިއާ އިން ވެސް ކޮރޯނާވައިރަސް ފެނިފަ އެވެ. މެދުއިރުމަތިން ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރެމުން ދަނީ އީރާނުގަ އެވެ. އެ ގައުމުން މިހާތަނަށް 66 މީހުން މަރުވެފައިވާ އިރު 1،501 މީހުންނަށް ވައިރަސް ވަނީ އަރައިފަ އެވެ.
ކޮވިޑް-19 ފެތުރޭތީ އުމްރާ އަށް ވިސާ ދިނުން ސައުދީ ސަރުކާރުން މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.