ކޮރޯނާވައިރަހުގައި އީރާނުން އަވަހާރަވި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ފާތިމާ އަހުބާރު. --ފޮޓޯ: އީރާންނިއުސްޑެއިލީ
08 މާޗް 2020 - 12:30
ތެހެރާން (މާޗް 8) - ކޮވިޑް-19 ޖެހިގެން އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު އަނެއްކާވެސް އަވަހާރަވެއްޖެ ކަމަށް ރަސްމީ ނޫސް އެޖެންސީ އިރްނާ އިން ބުނެފި އެވެ.
ނޫސް އެޖެންސީން ބުނީ އުމުރުން 55 އަހަރުގެ ފާތިމާ އަހުބާރު ގާނޫނު ހަދާ މަޖިލީހަށް ފެބްރުއަރީ މަހު އިންތިޚާބުވެފައި ވަނީ ވެރިރަށް ތެހެރާނުންނެވެ. އޭނާ އަކީ ކޮރޯނާވައިރަހުގައި އީރާނުން މަރުވި ގާނޫނު ހަދާ މަޖިލީހުގެ ދެ ވަނަ މެމްބަރެވެ. ކޮވިޑް-19 ޖެހިގެން އީރާނުގައި މިހާތަނަށް ވަނީ ސަރުކާރުގެ ހަތް އޮފިޝަލަކު މަރުވެފަ އެވެ. އޭގެ ތެރޭގައި ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޚާއްސަ މުޝީރެއް ވެސް ހިމެނެ އެވެ.
ކޮރޯނާވައިރަހުގައި އީރާނުން މިހާތަނަށް 145 މީހުން މަރުވެފައިވާ އިރު ބަލި ވަނީ 6،000 މީހުންނަށް ޖެހިފަ އެވެ. އީރާނުން މިހާރު ވަނީ ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކޮށް އާއްމު އެއްވުންތައް ބޭއްވުން މަނާކޮށްފަ އެވެ. އީރާނުގެ 31 ޕްރޮވިންސަށް ކޮރޯނާވައިރަސް ވަނީ ފެތުރިފަ އެވެ.
އީރާނުގެ ހެލްތު މިނިސްޓްރީން ބުނީ ކޮރޯނާވައިރަހަށް އެ ގައުމުން 16،000 އަށް ވުރެ ގިނަ މީހުން ޓެސްޓްކޮށްފައިވާ ކަމަށެވެ. އަދި ބަލިޖެހުމަށް ފަހު ރަނގަޅުވެގެން 1،669 މީހުން ދޫކޮށްލާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުބް
08 March 2020
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ