ލަންކާގައި ކާފިއު އިއުލާންކޮށްފައިވާ އިރު ފުލުހުންގެ މީހަކު އިއްޔެ މަގުތައް ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ
25 މާޗް 2020 - 16:31
ކޮލަމްބޯ (މާޗް 25) - ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ސްރީ ލަންކާގައި އިއުލާންކޮށްފައިވާ ކާފިއު، ވެރިރަށް ކޮލަމްބޯ އާއި ގަމްޕަހާ އަދި ކަލުތަރަ ޑިސްޑްރިކްޓުގައި މުއްދަތެއް ނެތް ގޮތަށް އިތުރުކޮށްފި އެވެ.
ރައީސްގެ މީޑިއާ ޑިވިޝަނުން ބުނީ އެ ތިން ޑިސްޓްރިކްޓް ބެލެވިފައި ވަނީ ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރޭ ސަރަހައްދުތަކުގެ ގޮތުގައި ކަމަށެވެ.
ސްރީ ލަންކާ އިން އެންމެ ފުރަތަމަ ކާފިއު އިއުލާން ކުރީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ހެނދުނާ ހަމައަށެވެ. ނަމަވެސް އިއްޔެ އިން ފެށިގެން ކާފިއުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.
ލަންކާގެ ޑިފެންސް ސެކްރެޓަރީ މޭޖަ ޖެނެރަލް ރިޓަޔާޑް ކަމާލް ގުނަރަތުނަ ވިދާޅުވީ ކާފިއުގެ ވަގުތު އިތުރު ކުރީ އާއްމުންގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ. ނަމަވެސް މި މަހު 20 ވަނަ ދުވަހު އެންމެ ފުރަތަމަ ކާފިއު އިއުލާންކުރި ފަހުން އަމުރާ ޚިލާފުވާ މީހުން އިތުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ކާފިއުގެ އަމުރާ ޚިލާފުވެގެން އިއްޔެގެ ނިޔަލަށް 3،700 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި 715 ވެހިކަލް ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޑިފެންސް ސެކްރެޓަރީ ވިދާޅުވީ ލަންކާގެ ކަރަންޓީން ސެންޓަރުތަކުގައި އޮބްޒަވޭޝަނުގައި މިހާރު 3،500 މީހުން އެބަތިބި ކަމަށެވެ. އަދި ހޯމް އައިސޮލޭޝަންގައި 19،000 މީހުން ބައިތިއްބާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލަންކާ އިން ވަނީ 102 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy