ނިއު ދިއްލީ (މާޗް 26) - މެލޭރިއާ އަށް ދޭ ބޭހެއް ކަމަށްވާ ހައިޑްރޮކްސީކްލޮރޯކްއިން އިންޑިއާ އިން އެކްސްޕޯޓް ކުރުން މަނާކޮށްފި އެވެ.
ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 އަށް އެއްވެސް ފަރުވާއެއް އަދި ހޯދިފައި ނެތް ނަމަވެސް ބައެއް ގައުމުތަކުގައި އަންނަނީ ކޮވިޑް-19 އަށް ފަރުވާ ދިނުމަށް މެލޭރިއާ ބޭސް ބޭނުން ކުރަމުންނެވެ. އެހެންވެ މެލޭރިއާ އަށް ދޭ ބޭހުގެ ޑިމާންޑް މިދުވަސްވަރު ވަނީ ބޮޑުވެފަ އެވެ. އެމެރިކަން ސޮސައިޓީ އޮފް ހެލްތު-ސިސްޓަމް ޕާފަމަސިސްޓް އިން މި ހަފުތާގައި ބުނެފައި ވަނީ ހައިޑްރޮކްސީކްލޮރޯކްއިންގެ ސްޓޮކް ވަރަށް މަދުވެފައިވާ ކަމަށެވެ.
"ބައެއް ބަލި މީހުނަށް ކްލޮރޮކްއިން އަކީ އެހާ ކަމުދާ އެއްޗަކަށް ވެސް ނުވޭ،" ފާމަޝޫޓިކަލްސް އެކްސްޕޯޓް ކައުންސިލް އޮފް އިންޑިއާގެ ޗެއާމަން ދިނޭޝް ދުއާ ވިދާޅުވި އެވެ. "ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި މެލޭރިއާ ބޭހަކީ ކާމިޔާބު އެއްޗެއްކަން ސާބިތުކުރެވިފައެއް ނުވޭ."