ބާރުގަދަ ތޫފާން އަމްފާންގައި ކަލްކަތާ ސުންނާފަތިކޮށްލައިފި

ކޮލްކަޓާ (މެއި 21) - ބާރުގަދަ ތޫފާން އަމްފާން އިންޑިއާގެ އިރުމަތީގެ ކަލްކަތާ އަށް އިއްޔެ އަރައި އެ ސިޓީގެ ބޮޑު ބައެއް ސުންނާފަތިކޮށްލައިފި އެވެ.


ބޭ އޮފް ބެންގާލްގައި އުފެދުނު ސުޕަ ތޫފާން އިންޑިއާގެ އިރުމަތީގެ ހިސާބުތަކުގެ އިތުރުން ބަންގްލަދޭޝް އަށް ވެސް އިއްޔެ ވަނީ އަރައިފަ އެވެ. ތޫފާނުގައި ވަނީ 22 މީހުން މަރުވެފަ އެވެ.

ކަލްކަތާގެ 14 މިލިއަން މީހުންގެ އާބާދީގެ ތެރޭން ބޮޑު ބައެއް މިހާރު ތިބީ ކަަރަންޓާއި މުވާސަލާތީ ޚިދުމަތުން މަހްރޫމްވެފަ އެވެ.

ތޫފާނުގައި ކަލްކަތާ އެއާޕޯޓުގައި މިއަދު ފެންބޮޑުވެފައި. --ފޮޓޯ:އޭއެފްޕީ

ތޫފާނުގައި ލިބުނު ގެއްލުން ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރު މަމާތާ ބެނާރްޖީ ސިފަ ކުރައްވާފައި ވަނީ ކޮވިޑް-19 އަށް ވުރެ ބޮޑު ކާރިސާއެއްގެ ގޮތުގަ އެވެ. ވެސްޓް ބެންގާލްގެ ވެރިރަށް ކަލްކަތާ އިން ވަނީ ކޮރޯނާވައިރަހަށް 3،103 މީހުން ޕޮޒިޓިވްވެފަ އެވެ.

"ސަރަހައްދަކަށް ފަހު ސަރަހައްދެއް ވަނީ ސުންނާފަތިވެފައި. ހީވަނީ ހަނގުރާމައެއްގެ ހާލަތުހެން،" ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އަށް ބެނާރްޖީ ވިދާޅުވި އެވެ.

ކަލްކަތާގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާ އިރު ގަސްތައް މުލުން ލުހި، ޓްރެފިކް ލައިޓްތައް ވަނީ ވެއްޓިފަ އެވެ. އެއާޕޯޓުގެ ބޮޑު ސަރަހައްދެއްގައި ވެސް ވަނީ ފެން ބޮޑުވެފަ އެވެ. ވެއްޓުނު ގަސްތަކުން އެތައް ވެހިކަލެއް ވަނީ ހަލާކުވެފަ އެވެ.

ތޫފާނުގައި ކަލްކަތާގައި ބަހެއްގެ މައްޗަށް ގަހެއް ވެއްޓިފައި. --ފޮޓޯ:ރޮއިޓާސް

އިމާރާތެއްގެ 12 ވަނަ ބުރީގައި އުޅޭ ކާޖަލް ބާސޫ ކިޔާ މީހަކު ބުނީ ގަދަ ވައިގައި ހީވީ އި އިމާރާތް ދެއަތަށް ހެލި ވެއްޓިދާނެހެން ކަމަށެވެ.

ތޫފާން އަމްފާން އަކީ 1999 ވަނަ އަހަރުގެ ފަހުން ބޭ އޮފް ބެންގާލުގައި އުފެދުނު ފުރަތަމަ ސުޕަ ތޫފާނެވެ.