ޑާކާ (އޮކްޓޯބަރު 13) - ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ބަންގްލަދޭޝް އިން ނިންމައިފި އެވެ.

ރޭޕްކުރާ މުޖްރިމުންނަށް މަރުގެ އަދަބު ދިނުމަށް ބަންގްލަދޭޝް އިން ނިންމާފައި ވަނީ އަންހެނުންނަށް ޖިންސީ އަނިޔާ ދިނުން އިތުރުވެ އެކަމާ ދެކޮޅަށް އެ ގައުމުގައި އަޑު އުފުލުން އިތުރުވެފައިވާ ދުވަސްވަރެއްގަ އެވެ.

ލޯ މިނިސްޓަރު އަނިސުލް ހައްގު ވިދާޅުވީ ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ އަމުރު އެ ގައުމުގެ ރައީސް މިއަދުގެ ވަގުތެއްގައި ނެރުއްވާނެ ކަމަށެވެ. އޭގެ ފަހުން، ޕާލަމެންޓުގެ ޖަލްސާތައް ފެށުމުން، އެ އަމުރު ގާނޫނަކަށް ބަދަލު ކުރާނެ އެވެ.

ބަންގްލަދޭޝްގައި 37 އަހަރުގެ އަންހެނަކަށް ގޭންގަކުން ޖިންސީ އަނިޔާ ދިން ހާދިސާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާއްމުވުމާ ގުޅިގެން އެ ގައުމުގައި މިދިޔަ ހަފުތާގައި ވަނީ އިހްތިޖާޖްތައް ކޮށްފަ އެވެ. އެކްޓިވިސްޓުން ބުނާ ގޮތުގައި މި އަހަރުގެ މިހާތަނަށް ވަނީ ރޭޕުގެ 1،000 އަށް ވުރެ ކޭސް ރިޕޯޓްކޮށްފަ އެވެ. އެކަމަކު ގިނަ ކޭސްތައް ރިޕޯޓް ނުކުރަނީ އަންހެނުންނަށް ބިރު ދެއްކުންތައް އިތުރު ކުރާތީ އެވެ.

ރޭޕާ ދެކޮޅަށް ބަންގްލަދޭޝްގައި މިދިޔަ ހަފުތާގައި ވަނީ މުޒާހަރާތައް ކޮށްފައި. --ފޮޓޯ:އީޕީއޭ
ރޭޕާ ދެކޮޅަށް ބަންގްލަދޭޝްގައި މިދިޔަ ހަފުތާގައި ވަނީ މުޒާހަރާތައް ކޮށްފައި. --ފޮޓޯ:އީޕީއޭ

ބަންގްލަދޭޝްގެ ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައި ވަނީ އާއްމުވެފައިވާ ވީޑިއޯ އިން ފެންނަ އަންހެން މީހާ އަށް ވަނީ ތަކުރާރުކޮށް ޖިންސީ ހަމަލާތައް ދީފަ އެވެ. އެ ހާދިސާއާ ގުޅިގެން އަށް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ރޭޕުގެ ހާދިސާތަކާ ދެކޮޅަށް ބަންގްލަދޭޝްގައި މިދިޔަ ހަފުތާގައި މުޒާހަރާތައް ވަރުގަދަ ކުރުމުން ސަރުކާރުން ވަނީ ރޭޕިސްޓުންނަށް ހަރުކަށި އަދަބު ދޭނެ ކަމަށް ވައުދުވެފަ އެވެ.