ހަރަމްފުޅު ހުޅުވާލުމުން އާއްމުން ނަމާދު ކުރަނީ. --ފޮޓޯ:އޭއެފްޕީ
19 އޮކްޓޯބަރ 2020 - 11:21
މައްކާ (އޮކްޓޯބަރު 19) - ކޮރޯނާވައިރަސް ފެތުރޭތީ މައްކާގެ މާތްވެގެންވާ ހަރަމްފުޅު އާއްމުން ނަމާދު ކުރަން ބަންދުކުރިތާ ހަތް މަސް ފަހުން އިއްޔެ ފުރަތަމަ ފަހަރަށް އާއްމުންނަށް ހުޅުވާލައި ދުވާލަކު 15،000 މީހުންނަށް އުމްރާގެ އަޅުކަން އަދާކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
މި މަހު 4 ވަނަ ދުވަހުން ފެށިގެން އުމްރާ ކުރުމުގެ ހުއްދަ ދިން އިރު ދުވާލަކަށް ކަނޑައަޅާފައި ވަނީ 6،000 މީހުން އުމްރާ ކުރެވޭ ގޮތަށެވެ. އުމްރާ ކުރެވޭ އަދަދު 15،000 އަށް އިތުރު ކުރީ އިއްޔެ އިން ފެށިގެން އަމަލު ކުރަން ފެށި ދެ ވަނަ ފިޔަވަހީގެ ދަށުންނެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން އުމްރާ ކުރާ މީހުންނާ އެކު ދުވާލަކު 40،000 މީހުން ހަރަމްފުޅުގައި ނަމާދު ކުރުމުގެ ފުރުސަތު ދޭނެ އެވެ.
ހަރަމްފުޅު ހުޅުވާލުމުން އާއްމުން ނަމާދު ކުރަނީ. --ފޮޓޯ:އޭއެފްޕީ
އެހެން ގައުމުތަކުން އަންނަ މީހުންނަށް އުމްރާގެ ހުއްދަ ދޭން ފަށާނީ ނޮވެމްބަރު 1 ގައި ފަށާ ތިން ވަނަ ފިޔަވަހީގަ އެވެ. އެއީ އުމްރާ އަށް ދުވާލަކު 20،000 މީހުންނާއި ދެ ހަރަމަށް ޒިޔާރަތްކޮށް އަޅުކަންކުރުމަށް 60،000 މީހުންނެވެ. މި އުސޫލު، ކޮވިޑް-19 ގެ ނުރައްކާ ނިމުމަކަށް އަންނަންދެން ނުވަތަ ވަކި ގޮތަކަށް ކަނޑައަޅަންދެން ދެމިއޮންނާނެ އެވެ. އުމްރާ އަށް މީހުން އަންނަ ގައުމުތައް ކަނޑައެޅުމާއި އަދަދު ކަނޑައެޅުމުގައި އެ ގައުމެއްގައި ކޮވިޑް-19 އޮތް ހާލަތަށް ވެސް ބަލާނެ އެވެ.
ހަރަމްފުޅު ހުޅުވާލުމުން އާއްމުން ނަމާދު ކުރަނީ. --ފޮޓޯ:އޭއެފްޕީ
ކޮވިޑް-19 ފެތުރޭތީ އުމްރާގެ އަޅުކަން މެދުކަނޑާލީ މިދިޔަ މާޗް މަހު އެވެ. ހައްޖުގެ އަޅުކަން ވެސް އެންމެ ފަހުން ބޭއްވީ ސައޫދީގައި އުޅޭ މީހުންނަށް ބައިވެރިވެވޭ ގޮތަށް މަދު ބަޔަކާ އެކުގަ އެވެ. މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ގާތްގަނޑަކަށް ހާހެއްހާ މީހުންނަށް ފުރުސަތު ދިން އިރު މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ވަނީ 2.5 މިލިއަން މީހުން ބައިވެރިވެފަ އެވެ. މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ކޮރޯނާވައިރަހުގެ އެއްވެސް ކޭހެއް ފެނިފައެއް ނުވެ އެވެ.
ސައުދީ އަރަބިއާ އިން ވަނީ ކޮރޯނާވައިރަހަށް 342,000 މީހުން ޕޮޒިޓިވްވެ 5,185 މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy