ޓޯކިޔޯ (ޑިސެމްބަރު 7) - ގިނިހިލައެއްގެ ސާމްޕަލް ހިމެނޭ ކެޕްސޫލް ރައްކާތެރިކަމާ އެކު ޖަޕާނުން ދުނިޔޭގެ ބިމަށް ގެނެސްފި އެވެ.

ރިޔޫގު ނަމަކަށް ކިޔާ ގިނިހިލައިގެ ސާމްޕަލް ތިރިކޮށްފައި ވަނީ ސައުތު އޮސްޓްރޭލިއާގެ ސަހަރާއަކަށެވެ. ގިނިހިލައިން ސާމްޕަލް ނަގާފައި ވަނީ ޖަޕާނުގެ ޖައްވީ އުޅަނދެއް ކަމަށްވާ ހަޔަބޫސާ-2 އިންނެވެ. ޖައްވީ ހިލަގަނޑު ރިޔޫގު ދިރާސާކުރުމުގައި ހަޔަބޫސާ-2 އިން ވަނީ އަހަރެއްހާ ދުވަސް ހޭދަކޮށްފަ އެވެ. ދުނިޔެއާ ކައިރިވުމުން ހަޔަބުސާ-2 އިން ވަނީ ކެޕްސޫލް ހިމެނޭ ވައިކުޑަ ދޫކޮށްލައިފަ އެވެ.

މިޝަންގެ ޕްރޮޖެކްޓް މެނޭޖަރު ޑރ. ޔުއިޗީ ސޫޑާ ވިދާޅުވީ "ޖަވާހިރު ފޮށި" ދުނިޔެއަށް ލިބުނު އިރު އޮތީ އެންމެ ރަނގަޅު ހާލަތުގައި ކަމަށެވެ.

ގިނިހިލައިގެ ސާމްޕަލް ހިމެނޭ ކެޕްސޫލް ފޮއްޓަކަށްލާފައި. --ފޮޓޯ:އީޕީއޭ
ގިނިހިލައިގެ ސާމްޕަލް ހިމެނޭ ކެޕްސޫލް ފޮއްޓަކަށްލާފައި. --ފޮޓޯ:އީޕީއޭ

ޖަޕާނުގެ އިންސްޓްޓިއުޓް ފޯ ސްޕޭސް އެންޑް އެސްޓްރޯނޮޓިކަލް ސައެންސް (އައިއެސްއޭއެސް) ގެ ޑިރެކްޓަރު ޖެނެރަލް ޑރ. ހިޓޯޝީ ކުނިނަކާ ވިދާޅުވީ ހަޔަބޫސާ-2 އުފެއްދުމުގެ މަސައްކަތް ފެށީ 2011 ވަނަ އަހަރު ކަމަށާއި މިއަދު އެވަނީ ހުވަފެން ހަގީގަތަކަށްވެފައި ކަމަށެވެ.

ސޯޅަ ކިލޯ ހުރި ކެޕްސޫލް އޮސްޓްރޭލިއާ އިން ދެން ގެންދާނީ ޖަޕާނަށެވެ. އޭގެ ފަހުން ޖަޕާން އެއަރޯސްޕޭސް އެކްސްޕްލޮރޭޝަން އެޖެންސީން އެ ސާމްޕަލްތައް ދިރާސާކުރާނެ އެވެ.

ހަޔަބޫސާ-2 އިން ނަގާފައިވާ ގިނިހިލައިގެ ސަތަހައިގެ ފޮޓޯއެއް
ހަޔަބޫސާ-2 އިން ނަގާފައިވާ ގިނިހިލައިގެ ސަތަހައިގެ ފޮޓޯއެއް

ބެލްފާސްޓުގެ ކްއީންސް ޔުނިވާސިޓީގެ ޕްރޮފެސަރަކު ވިދާޅުވީ ގިނިހަލައިގެ ސާމްޕަލުން ސޯލާ ސިސްޓަމްގެ ތާރީޚާ ބެހޭ ގިނަ ކަންތައްތަކެއް އެނގިގެންދާނެ ކަމަށެވެ.

ގިނިހިލައިގެ ސާމްޕަލް ހިފައިގެން ދަތުރުކުރި އުޅަނދު ހަޔަބޫސާ-2 ކެޕްސޫލް ދުނިޔެ އަށް ދޫކޮށްލުމަށް ފަހު އެހެން ގިނިހިލައަކަށް ވަނީ މިސްރާބު ޖަހައިފަ އެވެ. އެ ހިލައާ ހަމައަށް ވާސިލްވާނީ 2031 ވަނަ އަހަރު އެވެ.

ސާމްޕަލް ނެގުމަށްޓަކައި ޖަޕާނުގެ ޖައްވީ އުޅަނދު ރިޔޫގު ހިލައަށް ތިރިކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. ހިލައާ ހަމައަށް ހަޔުބުސާ-2 އުޅަނދަށް ވާސިލް ވެވުނީ ތިން އަހަރާއި ބައިގެ ދަތުރަކަށް ފަހު އެވެ.