ވައިރަހުގެ އަސްލު ހޯދުމަށް ޗައިނާ އަށް ދިޔަ ޑަބްލިއުއެޗްއޯގެ ޓީމުގެ ބައެއް މެންބަރުން ވޫހާންގެ އެއާޕޯޓުން މިއަދު ބަހަކަށް އަރަނީ. --ފޮޓޯ:އޭއެފްޕީ
14 ޖެނުއަރީ 2021 - 15:34
ވޫހާން (ޖެނުއަރީ 14) - ކޮރޯނާވައިރަސް ފެތުރުނު ގޮތުގެ އަސްލު ތަހުގީގު ކުރާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޓީމު ޗައިނާ އަށް އެތެރެވުމަށް ހުރަސްތައް ކުރިމަތި ކުރުމަށް ފަހު، އެންމެ ފަހުން އެ ޓީމު ވޫހާން ސިޓީ އަށް މިއަދު ހިނގައްޖެ އެވެ.
ޑިސެމްބަރު 2019 ގައި ވައިރަސް ފެތުރުނު ގޮތް ތަހުގީގު ކުރުމަށް ރިސާޗް އިންސްޓްޓިއުޓްތަކާއި ހޮސްޕިޓަލްތައް އަދި ސީފުޑް މާކެޓްތަކުގެ މީހުންނާ އިންޓަވިއު ކުރުމުގެ ކުރިން 10 ސައެންސްވެރިންގެ ޓީމު ޗައިނާގައި ދެ ހަފުތާ އަށް ކަރަންޓީންވާނެ އެވެ.
ވައިރަސް ފެތުރުނު ދުވަސްވަރު ޗައިނާ އިން ކަންކަން ވަރަށް ބޮޑަށް ސިއްރުކުރި ކަމަށް ބުނެ އެމެރިކާ އިން ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.
ޑަބްލިއުއެޗްއޯގެ ޓީމު ލީޑަރު ބެން އެމްބަރެކް ވިދާޅުވީ ފުރަތަމަ ދަތުރުން ސާފު މަންޒަރެއް ނުފެނިދާނެ ކަމަށާއި އެކަމަކު ވައިރަސް އުފެދިގެން އައި ގޮތުގެ ހަގީގަތް ހޯދުމުގެ މިސްރާބު ރަނގަޅު ކަމަށެވެ.
ކޮރޯނާވައިރަސް ފެތުރޭކަން އެންމެ ފުރަތަމަ ރިޕޯޓްކުރީ ޗައިނާގެ ވޫހާން ސިޓީގެ ހުބެއި ޕްރޮވިންސް އިން ޑިސެމްބަރު 31، 2019 ގަ އެވެ. ފުރަތަމަ ބެލެވިފައި ވަނީ ވައިރަސް ފެތުރުނީ އެއްގަމު މަސް ވިއްކާ މާރުކޭޓަކުން ކަމަށެވެ.
ޑަބްލިއުއެޗްއޯގެ ޓީމު ޗައިނާ އަށް މިއަދު ދަތުރުކުރި އިރު އެ ގައުމުން ވަނީ އަށް މަސް ތެރޭ ފުރަތަމަ ފަހަރަށް ކޮވިޑް-19 ގައި މީހަކު މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy