ބެއިޖިން (ފެބްރުއަރީ 16) - ޗައިނާގައި ކޮރޯނާވައިރަހުގެ ފޭކް ވެކްސިން ހަދައިގެން ވިއްކުމުގައި ބޮޑަކަށް އުޅުނު މީހާ ހައްޔަރުކޮށްފި އެވެ.
މަލްޓި-މިލިއަން ޑޮލަރުގެ އެ ވިޔަފާރި ހިންގި މީހާ ހަދަމުން ދިޔަ ގޮތަކީ ކޮރޯވައިރަހުގެ ވެކްސިން ކަމަށް ބުނެ މިނެރަލް ވޯޓާ އަށް ލޮނު އަޅައިގެން ވެކްސިން ހަދައިގެން ވިއްކުމެވެ. ފޭކް ވެކްސިން ހެދި ކޮންގް ނަމަކަށް ކިޔާ މީހާ ވަނީ އަސްލު ވެކްސިންގެ ޕެކޭޖިން ދިރާސާކޮށް އެ ގޮތަށް 58،000 ވެކްސިން ހަދައިގެން ވިއްކައިފަ އެވެ.
އޭނާގެ ވެކްސިންގެ ބެޗެއް ވަނީ ގައުމުން ބޭރަށް ވެސް ފޮނުވައިފަ އެވެ. ނަމަވެސް އެ ވެކްސިންތައް ފޮނުވީ ކޮން ތަނަކަަށް ކަމެއް ނޭނގެ އެވެ.
ޗައިނާގައި އެކި މީހުން ފޭކް ވެކްސިން ހަދައިގެން ވިއްކާކަން ފަޅާ އެރީ މިދިޔަ އަހަރު އެވެ. އޭގެ ފަހުން ކަމާބެހޭ ފަރާތްތަކުން ވަނީ ފޭކް ވެކްސިންގެ ޝިޕްމަންޓްތައް ހިފަހައްޓައި އެތައް ބަޔަކު ހައްޔަރުކޮށްފަ އެވެ.
ކޯޓުގެ ލިޔުންތަކުން އެނގޭ ގޮތުގައި ކޮންގާއި އޭނާގެ ބައިވެރިން ވަނީ ފޭކް ވެކްސިން ވިއްކައިގެން 18 މިލިއަން ޔުއާން (2.78 މިލިއަން ޑޮލަރު) ގެ ފައިދާއެއް ހޯދައިފަ އެވެ.
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރަޓަރޭޓުން ވަނީ ފޭކް ވެކްސިން އުފައްދާ މީހުން ހޯދުމަށް ފުލުހުންނަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
ޗައިނާގައި ކޮވިޑް ވެކްސިން ދޭން ފަށާފައިވާ އިރު އެ ގައުމުން އުއްމީދުކުރީ ލޫނާ އާ އަހަރު ފެށުމުގެ ކުރިން 100 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ. ނަމަވެސް އެ ގައުމުން މިހާތަނަށް ވެކްސިން ދެވުނީ 40 މިލިއަން މީހުންނަށެވެ. ވެކްސިން ދޭން ފެށުމުގެ ކުރިން ވެސް ޗައިނާ އިން ވަނީ ބަލި ކޮންޓްރޯލްކޮށްފަ އެވެ.