ކުއާލަ ލަމްޕޫރު (ފެބްރުއަރީ 24) - މެލޭޝިއާގައި ކޮރޯނާވައިރަހަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް މިއަދު ފަށައިފި އެވެ.

ޕްރޮގްރާމް ފެށުމުގެ ގޮތުން ފުރަތަމަ ޑޯޒް ޖެއްސެވީ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން އެވެ. ބޮޑުވަޒީރަށް ފަހު ދެން ހެލްތު ޑިޕާޓްމަންޓުގެ އޮފިޝަލުން ވެސް ވަނީ ވެކްސިން ޖަހައިފަ އެވެ. މެލޭޝިއާގައި ދޭން ފަށާފައި ވަނީ ފައިޒާ ވެކްސިނެވެ.

"އަޅުގަނޑަށް ޔަގީން މިއީ ވަރަށް ރައްކާތެރި އަދި ނަތީޖާ ފެންނާނެ ވެކްސިނަކަށްވާނެ ކަމަށް،" ވެކްސިންގެ ފުރަތަމަ ޑޯޒަށް ފަހު ބޮޑުވަޒީރު ވިދާޅުވި އެވެ.

އޮފިޝަލުން އުއްމީދު ކުރަނީ ވެކްސިންއާ އެކު މެލޭޝިއާގައި ކޮރޯނާވައިރަހުގެ ކޭސްތައް ދަށަށް ގޮސް އިގްތިސާދު އަލުން ހިނގައިގަންނާނެ ކަމަށެވެ. މެލޭޝިއާ އިން އަމާޒު ހިފާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށްދާއިރު 32 މިލިއަން މީހުންގެ އާބާދީގެ 80 ޕަސެންޓަށް ވެކްސިން ދިނުމަށެވެ.

މެލޭޝިއާގައި މިދިޔަ އަހަރު ވައިރަސް ވަރަށް ބޮޑަށް ކޮންޓްރޯލްކުރި އެވެ. ނަމަވެސް ސެޕްޓެމްބަރު މަހުން ފެށިގެން ކޭސްތައް އިތުރުވެ މިހާރު ވަނީ ޕޮޒިޓިވްވި މީހުންގެ އަދަދު 291,774 އަށް އަރައިފަ އެވެ. އެ ގައުމުން މިހާތަނަށް ވަނީ 1،088 މީހުން މަރުވެފަ އެވެ. މިއަދު އެކަނިވެސް ވަނީ 3،545 މީހުން ޕޮޒިޓިވްވެ 12 މީހުން މަރުވެފަ އެވެ.

މެލޭޝިއާ އިން ވަނީ އެ ގައުމުގައި އުޅޭ ބިދޭސީންނަށް ވެސް ހިލޭ ވެކްސިން ދޭން ނިންމައިފަ އެވެ.