ބެންކޮކް (މާޗް 4) - އަންޑަމަން ކަނޑުގައި އަނދަމުންދިޔަ ބޯޓަކުން ހަތަރު ބުޅާ ސަލާމަތްކުރި ތައިލެންޑުގެ ކަނޑުގެ ސިފައިންގެ މީހާ އަށް އެތައް ބަޔަކު ތައުރީފްކޮށްފި އެވެ.
އަލިފާން ރޯވެ ފެތެމުންދިޔަ ބޯޓުގައި ތިބި ފަޅުވެރިން ވަނީ ސަލާމަތްކޮށްފަ އެވެ. ބޯޓުން ތެޔޮ ފޭބި ސަރަހައްދު ޗެކްކުރަން ކަނޑުގެ ސިފައިން ދިޔަ އިރު ބޯޓުގައި ބުޅާތަކެއް ތިބިކަން އެ މީހުންނަށް ފާހަގަވި އެވެ. ކަނޑުގެ ސިފައިންގެ މީހަކު ވަނީ ފަތާފައި ބޯޓު ކައިރިއަށް ގޮސް އޭނާގެ ކޮނޑުމަތީގައި ބުޅާތައް ގެންގޮސް، ސަލާމަތްކޮށްފަ އެވެ. އެއްވެސް ބުޅަލަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
އަންޑަމަން ކަނޑުގައި މަސްވެރިކަން ކުރަން އުޅުނު ބޯޓުގައި އަލިފާން ރޯވެ ފެތެން ފަށާފައި ވަނީ އަންގާރަ ދުވަހު އެވެ. އެއީ ތައިލެންޑުގެ ކޮހް އަޑަންގް އައިލެންޑާ 13 ކިލޯ މީޓަރު (އަށް މޭލު) ބޭރުންނެވެ. އަލިފާން ރޯވެ ބޯޓު ފެތެން ފެށުމުން އޭގައި ތިބި އަށް ފަޅުވެރިން ވެސް ވަނީ ކަނޑަށް ފުންމާލައިފަ އެވެ. އެ މީހުން ސަލާމަތް ކުރީ އެ ސަރަހައްދުން ދަތުރުކުރި ބޯޓަކުންނެވެ.
އެ ސަރަހައްދު އިންސްޕެކްޓް ކުރަން ތައިލެންޑުގެ ކަނޑުގެ ސިފައިންނަށް އެންގުމުން، ސިފައިން ދިޔަ އިރު ބުޅާތައް ތިބީ ބޯޓުގެ ލަކުޑިގަނޑެއްގެ މަތީގަ އެވެ. އޭރު ބޯޓުން ބައެއް ވަނީ ފެތިފަ އެވެ.
ބުޅާތައް ސަލާމަތް ކުރި ސިފައިންގެ މީހާއާ ބެހޭ ގޮތުން ފޭސްބުކުގައި ޖެހި ޕޯސްޓަކަށް ތައުރީފްކޮށް 2،500 އަށް ވުރެ ގިނަ ކޮމެންޓް ލިބިފައިވެ އެވެ.