ކޮލަމްބޯ (އެޕްރީލް 9) - ސްރީ ލަންކާގައި ރީތީގެ ރާނީ ހޮވުމުގެ މުބާރާތުގައި ސްޓޭޖް މަތީގައި ހިންގި ހަމަނުޖެހުންގަނޑަކާ ގުޅިގެން އެންމެ ފަހުގެ ރީތީގެ ރާނީގެ ތާޖު ހޯދި ކެރޮލީން ޖޫރީ ފުލުހުން ހައްރުކޮށްފި އެވެ.

އެންމެ ފަހުގެ މިސިޒް ވޯލްޑް ޖޫރީއާ އެކު ސްޓޭޖް މަތީގެ އެ ހަމަނުޖެހުމުގައި ބައިވެރިވި ލަންކާގެ އެހެން މޮޑެލްއެއް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

"ފުލުހުން ވަނީ ކެރޮލީން ޖޫރީ އާއި މޮޑެލް ޗުލާ ޕަޑްމެންދުރަ ހައްޔަރުކޮށްފައި. އެ މީހުން ހައްޔަރު ކުރީ ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތުގައި،" ފުލުހުންގެ ތަރުޖަމާން އަޖިތު ރޯހަނާ ވިދާޅުވި އެވެ.

ޖޫރީ އާއި އެ މުބާރާތް ލަންކާގައި އިންތިޒާމް ކުރި، މިސިޒް ސްރީ ލަންކާ ވޯލްޑްގެ ނޭޝަނަލް ޑިރެކްޓަރު ޗަންދިމާލް ޖަޔަސިންހައާ ފުލުހުން ބުރާސްފަތި ދުވަހު ވަނީ ސުވާލުކޮށްފަ އެވެ. ޖޫރީ އާއި ޗުލާ ކޮލަމްބޯ މެޖިސްޓްރޭޓް ކޯޓަށް މި މަހު 19 ގައި ހާޒިރުވާން ވަނީ އަންގައިފަ އެވެ.

ރީތީގެ ރާނީ އަށް މިފަހަރު ހޮވުނު ޕުޝްޕިކާ ޑި ސިލްވާ އަށް "މިސިޒް ސްރީ ލަންކާ" ގެ މަގާމު ލިބުނު އިވެންޓް އާދިއްތަ ދުވަހުގެ ރޭ ވަނީ ނޭޝަނަލް ޓީވީން ދައްކައިފަ އެވެ. އޭނާ އެ މަގާމަށް ހޮވުނުތާ އިރުކޮޅެއްގެ ތެރޭގައި 2019 ވަނަ އަހަރުގެ ރީތީގެ ރާނީ ކެރޮލިން ޖޫރީ ވަނީ ޑި ސިލްވާގެ ބޮލުގައި އެޅުވި ތާޖް އަތުލައިފަ އެވެ. ސްޓޭޖްގައި ވާހަކަ ދައްކަމުން ޖޫރީ ބުނީ މިސިޒް ސްރީ ލަންކާގެ މަގާމު ޑި ސިލްވާ އަށް ނުލިބޭނެ ކަމަށާއި އޭނާ އަކީ ވަރިކޮށްފައި ހުރި މީހެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި މުބާރާތުގެ ގަވާއިދުގައިވާ ގޮތުން މިސިޒް ސްރީ ލަންކާގެ މަގާމަށް ހޮވޭ މީހާ އަކީ މީހަކާ ކައިވެނިކޮށްގެން އުޅޭ މީހަކަށް ވާން ޖެހޭނެ އެވެ. އޭގެ ފަހުން ޖޫރީ ވަނީ ރީތީގެ ރާނީގެ ތާޖް ދެވަނަ އަށް ދިޔަ ފަރާތުގެ ބޮލުގައި އަޅުވައިފަ އެވެ. އެ ވަގުތު ޑި ސިލްވާ ވަނީ ސްޓޭޖް ފައިބައިގެން ގޮސްފަ އެވެ.

އެކަމަކު ރީތީގެ ރާނީގެ ތާޖް މިހާރު ވަނީ ޑި ސިލްވާ އަށް އަލުން ހަވާލުކޮށްފަ އެވެ. މުބާރާތް އިންތިޒާމްކުރި ފަރާތުން ބުނެފައި ވަނީ ޑި ސިލްވާ ސެޕަރޭޓްވެފައިވީ ނަމަވެސް ވަރިވެފައި ނުވާ ކަމަށެވެ. އަދި ސްޓޭޖުގައި ޖޫރީ އަމަލު ކުރި ގޮތާ މެދު މައާފަށް އެދި އޭނާ ބަޔާނެއް ނެރޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

ފޭސްބުކް މެސެޖެއްގައި ޑި ސިލްވާ ބުނެފައި ވަނީ ތާޖް އަތުލަން އުޅުމުގެ ތެރޭގައި އޭނާގެ ބޮލަށް ލިބުނު ގެއްލުމަކަށް ހޮސްޕިޓަލުން ފަރުވާ ހޯދަން ޖެހުނު ކަމަށެވެ. ޑި ސިލްވާ ބުނީ އޭނާއާ މެދު ކަންތައް ކުރި އިހާނެތި ގޮތާ މެދު ގާނޫނީ ގޮތުން މައްސަލަ ޖައްސާނެ ކަމަށެވެ.

"އަޅުގަނޑު ކަހަލަ އެކަނިވެރި މައިންގެ ވަރަށް ގިނަ މީހުން ލަންކާގައި އުޅޭ. ރީތީގެ ރާނީގެ މި ތާޖް ހަދިޔާ ކުރަނީ އެފަދަ އެކަނިވެރި މައިންނަށް،" ނޫސްވެރިންނާ ވާހަކަ ދައްކަމުން ޑި ސިލްވާ ބުންޏެވެ.

މިސިޒް ސްރީ ލަންކާ ވޯލްޑް ކޮންޓެސްޓަކީ ލަންކާގައި ބާއްވާ ކުލަގަދަ މުބާރާތެކެވެ. ރަސްމިއްޔާތުގެ މެހެމާނުންގެ ތެރޭގައި ބޮޑުވަޒީރުގެ އަނބިކަނބަލުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.