ނިއު ދިއްލީ (މެއި 3) - ކޮވިޑުގެ މަރުތަކާއި ޕޮޒިޓިވްވާ މީހުން ރެކޯޑް އަދަދުތަކުން މަތިވަމުން ދަނިކޮށް ބޭއްވި އިންޑިއާގެ އިންތިޚާބުން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީ އަށް ނާކާމިޔާބުވެއްޖެ އެވެ.

ވެސްޓް ބެންގާލްގެ ސްޓޭޓް އެސެމްބްލީ އިންތިޚާބު ކާމިޔާބު ކުރުމަށް މޯދީގެ ބީޖޭޕީން ވަރަށް ބޮޑަށް ކެމްޕޭން ކުރި އެވެ. ނަމަވެސް މޯދީ އަށް ފާޑުވިދާޅުވަމުން ގެންދަވާ މަމާތާ ބާޖަރްޖީގެ ޕާޓީން ވަނީ ފަސޭހަކަމާ އެކު އިންތިޚާބު ކާމިޔާބުކޮށްފަ އެވެ.

އިންޑިއާގައި ހަލުވިކަމާ އެކު ކޮރޯނާވައިރަސް ފެތުރެމުން ދިޔަ ނަމަވެސް ބަލި ކޮންޓްރޯލް ކުރުމަށް ސަމާލުކަން ނުދީ އިންތިޚާބަށް ހުރިހާ ކަމެއް ހުސްކުރެއްވުމުން މޯދީ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

އިންޑިއާގައި ތިން ލައްކަ އިން މަތިން ޕޮޒިޓިވްވަމުންދާތާ މިހާރު 10 ދުވަސްވެއްޖެ އެވެ. އާދިއްތަ ދުވަހު ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 3،689 މީހުން މަރުވެފަ އެވެ. މިއަދު އެކަނިވެސް ވަނީ 360،000 މީހުން ޕޮޒިޓިވްވެ 3،417 މީހުން މަރުވެފަ އެވެ.

ކޭސްތައް އިތުރުވުމުގެ ސަބަބެއް ކަމަށް ބުނެފައި ވަނީ ކެމްޕޭން ރެލީތަކާއި ދީނީ ފެސްޓިވަލްތައް ބޭއްވުމެވެ. މޯދީގެ އިތުރުން ހޯމް މިނިސްޓަރު ވަނީ ވެސްޓް ބެންގާލްގައި ކެމްޕޭން ބޮޑެތި އެއްވުންތައް ބާއްވައިފަ އެވެ.

ވެސްޓް ބެންގާލްގެ އިތުރުން އާސާމް ޓަމިލް ނާޑޫ އަދި ކެރެލާގައި ވެސް ވަނީ ސްޓޭޓް އެސެމްބްލީ އިންތިޚާބު ބާއްވައިފަ އެވެ. ނަމަވެސް، އިރުއުތުރުގެ އާސާމް ފިޔަވައި މޯދީގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް ނުހޯދެ އެވެ.

ވެސްޓް ބެންގާލްގެ ވޯޓު ކާމިޔާބުކޮށްފައި ވަނީ ބާނަރްޖީގެ ޓްރިނަމޫލް ކޮންގްރެސް ޕާޓީ (ޓީއެމްސީ) އިންނެވެ. އެ ޕާޓީން ވަނީ އެސެމްބްލީގެ 294 ގޮނޑީގެ ތެރޭން 200 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފަ އެވެ. ނަތީޖާއާ އެކު ބާނަރްޖީ އަނެއްކާވެސް އިންޑިއާގެ ހަމައެކަނި އަންހެން ޗީފް މިނިސްޓަރުގެ ގޮތުގައި ހަމަޖެހުނީ އެވެ.

ކާމިޔާބީ އަށް ފަހު ބާނަރްޖީ ވިދާޅުވީ ވެސްޓް ބެންގާލް އިން ވަނީ އިންޑިއާ ސަލާމަތްކޮށްދީފައި ކަމަށާާއި އެކަމަނާ ދެން އެންމެ އިސްކަމެއް ދެއްވާނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ކަމަށެވެ.