ބޮމުގެ ހަމަލާތަކުގައި ހަލަބުގެ ހޮސްޕިޓަލްތައް ހުއްޓުމަކަށް

ދިމިޝްގު (ނޮވެމްބަރު 19) - ސީރިއާގެ ހަލަބު ސިޓީގެ އިރުމަތީގައި ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކަށް ވައިގެ ހަމަލާތައް ދީ އެ ތަންތަނުން ދޭ ޚިދުމަތް ހުއްޓުމަކަށް އަތުވެއްޖެ އެވެ.


ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނީ މެދު ނުކެނޑި ފަސް ދުވަސް ވަންދެން ސަރުކާރު ސިފައިން ދިން ވައިގެ ހަމަލާތަކާ ގުޅިގެން ހަލަބުގެ އިރުމަތީގައި ގާއިމްކޮށްފައިވާ ވަގުތީ ހުރިހާ ހޮސްޕިޓަލަކުން ޚިދުމަތް ދިނުން ހުއްޓިފައިިވާ ކަމަށެވެ. އަނެއް ބަޔަކު ބުނީ ވައިގެ ހަމަލާތަކުގެ ބިރާ ގުޅިގެން ހޮސްޕިޓަލްތަކަށް ފަރުވާ ހޯދަން ދާން މީހުން ޖެހިލުންވެފައިވާ ކަމަށެވެ.

ހޮސްޕިޓަލްތަކަށް ދޭ ހަމަލާތައް ވައިޓްހައުސް އިން ވަނީ ވަރަށް ބޮޑަށް ކުށްވެރި ކޮށްފަ އެވެ. އަދި ހަލަބަށް ދޭ ހަމަލާތަކުގައި ލިބޭ ހުރިހާ ގެއްލުމަކަށް ސީރިއާ ސަރުކާރާ އެއްވަރަށް ރަޝިޔާ އިން ވެސް ޒިންމާ ވާން ޖެހޭނެ ކަމަށް ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ސުސަން ރައިސް ނެރުއްވި ބަޔާނުގައިވެ އެވެ.

އިނގިރޭސި ވިލާތުގައި ހިންގާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ހަލަބުގެ އިރުމަތީ ހިސާބުތަކަށް އެންމެ ފަހުން ދިން ވައިގެ ހަމަލާތަކުގައި އާއްމުންގެ 27 މީހުން މަރުވެފައިވާ ކަމަށެވެ.

ސީރިއާ އަށް ކަނޑައަޅާފައި ހުންނަ އދ.ގެ މަންދޫބު ޖެން އީގަލޭންޑް ވިދާޅުވީ ފިނި މޫސުން ކުރިމަތިވަމުން އަންނަ އިރު ހަލަބުގެ އިރުމަތީގެ ހިސާބުތަކުން ބޭސް ފަރުވާ ނުލިބޭ އިރު ކާބޯތަކެތި ވެސް ހުސްވަމުން ދާ ކަމަށެވެ.