އިދިކޮޅު ނޫސްވެރިއަކު ހައްޔަރުކުރުމުގެ ބޭނުމުގައި، މަތިންދާބޯޓެއް ހައިޖެކް ކުރި މައްސަލައިގައި، ބެލަރޫސްއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން، އީޔޫއިން އެއްބަސްވެއްޖެ އެވެ.

ބެލަރޫސް އަށް ދަތިކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، ވިލާތުގެ އިއްތިހާދުގެ 27 ގައުމުން ކުރެ އެއްވެސް ގައުމެއްގެ ވައިގެ ސަރަހައްދަށް، ބެލަރޫސްގެ އެއްވެސް މަތިންދާބޯޓެއް ވަނުމާއި، އެ ގައުމުތަކުގެ ވައިގެބަނދަރުތަކަށް ބެލަރޫސްގެ މަތިންދާބޯޓުތައް ޖެއްސުން މަނާކުރުން ހިމެނެ އެވެ. މި ކަމާ ގުޅޭ ގޮތުން ވިލާތުގެ އިއްތިހާދުން ނެރުނު ބަޔާނުގައި، ބެލަރޫސްގެ އިދިކޮޅު ނޫސްވެރިޔާ ރަމަން ޕްރަޓަސެވިޗް ވަގުތުން މިނިވަންކުރުމަށް ވެސް ގޮވާލާފައިވެ އެވެ.

ބެލަރޫސްގެ ނޫސްވެރިޔާ ހައްޔަރުކުރީ، މިދިޔަ އާދީއްތަ ދުވަހު ގްރީސްއިން ފުރައިގެން ލިތުއޭނިޔާ އަށް ދަތުރުކުރި ރަޔަންއެއާގެ މަތިންދާބޯޓެއްގައި އޭނާ އިންދައި، ބެލަރޫސްގެ ހަނގުރާމަމަތީ ދެ މަތިންދާބޯޓު ގޮސް، މަޖުބޫރުކޮށް ބެލަރޫސްއަށް ތިރުކުރުވުމަށް ފަހު އެވެ.

ރަޔަންއެއާ އިން ބުނި ގޮތުގައި، އެ މީހުންގެ ފްލައިޓް އާދީއްތަ ދުވަހު ލިތުއޭނިޔާއަށް ކުރި ދަތުރުގައި، ބެލަރޫސްގެ ވައިގެ ސަރަހައްދުން ދަތުރުކުރަނިކޮށް، ބެލަރޫސްގެ ފްލައިޓް ކޮންޓްރޯލުން އެންގީ، އެ ބޯޓުގައި ބޮމެއް އޮތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އިރުކޮޅެއް ފަހުން، ބެލަރޫސްގެ ފައިޓަރު ބޯޓެއް، ފްލައިޓާ ކައިރިއަށް އައިސް، ފްލައިޓްގެ މިސްރާބު ބަދަލުކުރުވައިގެން ގެންގޮސް، ބެލަރޫސްގެ ވެރިރަށް މިންސްކްގެ ވައިގެބަނދަރަށް ތިރިކުރުވީ އެވެ.

ނަމަވެސް ފްލައިޓް ތިރިކުރުމަށް ފަހު، މިންސްކް އެއާޕޯޓްގެ އޮފިޝަލުން ވަނީ ވާހަކަ އޮޅުވާލައި، ބޮމެއް އޮތް ކަމުގެ މައުލޫމާތު ފްލައިޓަށް ނުދޭ ކަމަށް ބުނެފަ އެވެ. އޮފިޝަލުން ބުނި ގޮތުގައި، އެ ބޯޓުގެ މިސްރާބު ބަދަލުކުރީ، ދަތުރުވެރިއަކާއި ބޯޓުގެ ފަޅުވެރިއަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ސަބަބުން ކަމަށެވެ.

މިންސްކް ވައިގެބަނދަރަށް ބޯޓު ޖެއްސުމާ އެކު، ބެލަރޫސްގެ ނޫސްވެރިޔާ އާއި އޭނާގެ ލޯބިވެރިޔާ މަތިންދާބޯޓުން ބާލައި ފުލުހުންގެ ބެލުމުގެ ދަށުން ހައްޔަރުކުރީ އެވެ. އެ ދެ މީހުން ހައްޔަރުކޮށްފައި ތިބީ ކޮން ތަނެއްގައި ކަމެއް ބެލަރޫސް ސަރުކާރަކުން ނުބުނެ އެވެ.

ނަމަވެސް، ބެލަރޫސްގެ ގައުމީ ޓީވީން ރޭގައި ވަނީ، ހައްޔަރުކުރި ނޫސްވެރިޔާގެ ވީޑިއޯ ބަޔާނެއް ދައްކައިފަ އެވެ. ދެއަތުގައި ބިޑިއަޅުވާފައި އިން ނޫސްވެރިޔާ މޭޒެއްގެ ކައިރީގައި އިށީނދެ އިނދެ ވާހަކަ ދައްކަމުން ބުނީ އޭނާގެ ސިއްހަތު ރަނގަޅު ކަމަށާއި، ހައްޔަރުކޮށްގެން އޭނާއާ މެދު މުއާމަލާތުކުރަނީ ރަނގަޅަށް އަދި ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި އޭނާ އިސްވެ ހުރެ، ސަރުކާރާ ދެކޮޅަށް ބޮޑެތި އެއްވުންތައް އިންތިޒާމުކުރި ގޮތާ ބެހޭ ގޮތުން ތަހުގީގަށް ބަޔާންތައް ދެމުން އަންނަ ކަމަށްވެސް އޭނާ ބުންޏެވެ.

ބެލަރޫސްގެ ނޫސްވެރިޔާ ރަމަން ޕްރަޓަސެވިޗްއަކީ، އޭނާ އުފައްދައިގެން ހިންގާ މެސެޖް އެޕްލިކޭޝަނެއް ބޭނުންކޮށްގެން، ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯގެ ސަރުކާރާ ދެކޮޅަށް ވަރަށް ފާޅުގައި ފާޑުކިޔާ ނޫސްވެރިއެކެވެ. އޭނާގެ އެޕްލިކޭޝަން މެދުވެރިކޮށް ސަރުކާރާ ދެކޮޅަށް ކިޔަން ފެށި ފާޑުކިޔުންތަކުން ހިއްވަރު ލިބިގެން، ބެލަރޫސްގެ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބާއްވާފައިވެ އެވެ.

ނޫސްވެރިޔާ ހައްޔަރުކުރުމާއި، މަތިންދާބޯޓެއް ހައިޖެކްކުރުމާ ބެހޭ، ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސަލާ ވޮން ޑާ ލެޔެން ވިދާޅުވީ ބެލަރުސްގެ އެ އަމަލަކީ ޑިމޮކްރެސީއަށް ދިން ހަމަލާއެއް ކަމަށެވެ. "މިއީ ޚިޔާލު ފާޅުކުރުމާ ދެކޮޅަށް ދިން ހަމަލާއެއް. އަދި މިއީ ޔޫރަޕްގެ ސިޔާދަތީ މިނިވަންކަމަށް ވެސް ދިން ހަމަލާއެއް. އަދި މިވިޔާނުދާ އަމަލަށް ވަރުގަދަ ރައްދު ޖަވާބެއް ދޭންޖެހޭނެ."

އުރްސަލާ ވިދާޅުވި ގޮތުގައި ބެލަރޫސްއަށް ދޭން ނިންމާފައިވާ، ތިން ބިލިއަން ޔޫރޯގެ އިންވެސްޓްމެންޓް އަދި އިގްތިސާދީ ޕެކޭޖް، އެގައުމަށް ދެން ލިބޭނީ، ބެލަރޫސް އެނބުރި ޑިމޮކްރެސީގެ އިމުގެ ތެރެއަށް އައި ދުވަހަކުންނެވެ.