ދުނިޔެ / ހެއިޓީ

ބާރުގަދަ ބިންހެލުމެއްގައި ހައިޓީން 300 މީހުން މަރުވެއްޖެ

އޮގަސްޓް 14، 2021 ގައި ހައިޓީގެ ހުޅަނގު ދެކުނު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގައި ހައިޓީގެ އާންމުން ހަރަކާތްތެރިވަނީ. --އޭއެފްޕީ

15 އޯގަސްޓް 2021 - 14:41

ކެރީބިއަންގެ ގައުމެއް ކަމަށްވާ ހައިޓީ އަށް އިއްޔެ ހެނދުނު އައި ބާރުގަދަ ބިންހެލުމެއްގައި، އެ ގައުމުން 305 މީހަކު މަރުވެ 1،800 އަށް ވުރެ ގިނަ މީހަކު ޒަހަމްވެއްޖެ އެވެ.

ރިކްޓާ މިންގަނޑުން 7.2 ގައި، ހައިޓީގެ ހުޅަނގު ސަރަހައްދަށް އައި މި ބާރުގަދަ ބިންހެލުމުގައި އެތައް އިމާރާތްތަކަކަށް ބޮޑެތި ގެއްލުންތަކެއް ވެސް ލިބުނެވެ. އޭގެ ތެރޭގައި ބައެއް ފައްޅިތަކާއި ބައެއް ޓޫރިސްޓު ހޮޓާތައް ވެސް ހިމެނެ އެވެ.

މިއީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ސިފަ ކުރައްވަމުން، ހައިޓީގެ ބޮޑުވަޒީރު އެރިއަލް ހެންރީ ވަނީ، އެއް މަސްދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފަ އެވެ. އިއްޔެގެ ބިންހެލުން ކުރިމަތި މިވީ، 2010 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމުގެ ގެއްލުންތަކުން މުޅިން ސަލާމަތް ނުވެވިގެން އުޅެނިކޮށެވެ.

އޮގަސްޓް 14، 2021 ގައި ހައިޓީގެ ހުޅަނގު ދެކުނު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތެއް. --އޭއެފްޕީ

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި އިއްޔެ އައި ބިންހެލުން އުފެދުނީ، ހައިޓީގެ ސެންޓް-ލުއިސް ޑޫ ސުޑް ކިޔާ އަވަށާ ގާތްގަނޑަކަށް 12 ކިލޯމީޓަރު ދުރުގަ އެވެ. ބިންހެލުން އުފެދުނު ތަނުން ފެށިގެން 125 ކިލޯމީޓަރު ދުރުގައި އޮންނަ ޕޯޓް އޯ ޕްރިންސް އަށް ވެސް، މި ބިންހެލުމުގެ ލޮޅުންތައް އެރި ކަމަށް އެ ރަށުގެ މީހުން ބުނެ އެވެ.

ބިންހެލުން އުފެދުނު ސަރަހައްދާ ކައިރީގައި އުޅޭ ބައެއް މީހުން ބުނި ގޮތުގައި ބިންހެލުމުގެ ތެރޭގައި އައި ލޮޅުންތަކުގެ ސަބަބުން ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ވެއްޓި ބިމާ ހަމަވެފަ އެވެ. އަދި ބައެއް އިމާރާތްތައް ވަނީ ބޮޑެތި މަރާމާތުތަކެއް ކޮށްގެން ނޫނީ ދިރިނުއުޅެވޭ ވަރަށް ހަލާކުވެފަ އެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބުމުން، ފަރުވާ ދިނުމަށްޓަކައި ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ބިންހެލުމުގެ ހާދިސާއާ ގުޅިގެން، ސަރުކާރުން މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށެވެ. ބިންހެލުމުގައި ޒަހަމްވި މީހުންނާއި ކުއްލި ޝޮކް ލިބިގެން ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ އެތައް ބަޔަކަށް ފަރުވާ ދޭން ޖެހުމުން، ބައެއް ހޮސްޕިޓަލްތައް މިހާރު ވަނީ ފުރިފައި ކަމަށާއި، މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ހާއްސަ ސަމާލުކަމެއް ދޭ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

އޮގަސްޓް 14، 2021 ގައި ހައިޓީގެ ހުޅަނގު ދެކުނު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތެއްގެ ކައިރީގައި ބަޔަކު މަޑުކޮށްލައިގެން. --އޭއެފްޕީ

ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމަށްޓަކައި، އެމެރިކާގެ ހާއްސަ ޓީމެއް ހައިޓީ އަށް ފޮނުވުމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން މިހާރު ވަނީ އަމުރު ކުރައްވައިފަ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި އިއްޔެ އައި ބާރު ގަދަ ބިންހެލުމަށް ފަހު ވެސް، އެ ސަރަހައްދަށް ބާރުގަދަ ލޮޅުންތަކެއް އެރި އެވެ. އޭގެ ތެރެއިން އެންމެ ބާރު ގަދަ ލޮޅުން ހުރީ ރިކްޓާ މިންގަނޑުން 5.8 ގައި ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

ބިންހެލުން އުފެދުނު ސަރަހައްދާ ކައިރީގައި ދިރިއުޅޭ ބައެއް މީހުން ބުނި ގޮތުގައި އެންމެ ފުރަތަމަ ލޮޅުންތައް އަރަން ފެށީ ވަރަށް ލަސްލަހުންނެވެ. ނަމަވެސް ފަހުން ލޮޅުންތަކުގެ ބާރު ގަދަވެ، ގިނަ ވަގުތުތަކަކަށް ދެމިގެން ދިޔަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454