މޮރޮކޯ އާއި އަލްޖީރިއާއާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން، ރަސްމީކޮށް ކަނޑާލައިފި ކަމަށް އަލްޖީރިއާ އިން އިއްޔެ އިއުލާންކޮށްފި އެވެ.

އަލްޖީރިއާގެ ހާރިޖީ ވަޒީރު ރަމަތާން އަލްއަމާމިރާ އިއްޔެ ދެއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވި ގޮތުގައި މޮރޮކޯއާ އެކު އޮތް ގުޅުން ކަނޑައިލަން އަލްޖީރިއާ އިން ނިންމީ، މޮރޮކޯ އިން އަލްޖީރިއާއާ މެދު ގެންގުޅޭ އަދާވާތްތެރިކަމާއި، އެ ގައުމުން ފެންނަމުންދާ ރަހްމަތްތެރިކަމާ އިދިކީލި އަމަލުތަކުގެ ސަބަބުންނެވެ.

ގުޅުން ކަނޑައިލިކަން އަލްޖީރިއާ އިން ރަސްމީކޮށް މި އިއުލާންކުރީ، ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގުގެ ސަލާމަތީ ކަންތައް ވަރުގަދަ ކުރުމަށް ފަހު، ދެމެދުގައި އޮތް ގުޅުން އަލުން މުރާޖައާކުރަމުން އަންނަ ކަމަށް އަލްޖީރިއާ އިން އިއުލާންކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ.

ދެ ގައުމުގެ ސަރަހައްދީ ރޮނގުގެ މައްސަލައިގައި އަލްޖީރިއާ އާއި މޮރޮކޯއާ ދެމެދު ގުޅުން ގޯސްވެފައިވާތާ އެތައް އަހަރެއް ވެއްޖެ އެވެ. އޭގެ އިތުރުން ހުޅަނގު ސަހަރާގެ މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ އަރާރުމާއި، މޮރޮކޯ އިން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާފައި އޮންން ޕޮލިސާރިއޯ ޖަމާއަތަށް އަލްޖީރިއާ އިން މަދަދު ދޭ މައްސަލައިގައި ވެސް ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

އިތުރު އެއްވެސް ތަފްސީލެއް ނުދެއްވައި، ހާރިޖީ ވަޒީރު ރަމަތާން ވިދާޅުވީ، އަލްޖީރިއާއާ މެދު މޮރޮކޯ އިން ގެންގުޅޭ އަދާވާތްތެރިކަން ހުއްޓައިނުލާކަން ތާރީހުން ސާބިތުވާ ކަމަށެވެ. ދެ ގައުމުގެ ގުޅުން ކަނޑައިލި ކަމުގައި ވިޔަސް، އެއް ގައުމުގައި އުޅޭ އަނެއް ގައުމުގެ ރައްޔިތުންނަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަމަތާން ވިދާޅުވި ގޮތުގައި އަލްޖީރިއާއާ މެދު ބައިނަލްއަގުވާމީ މުޖްތަމައުގައި ނުބައި ތަސައްވުރެއް އުފެއްދުމަށް ހުޅަނގުގެ މީޑިއާތަކުން އަންނަނީ ވަރަށް ނުބައި ދައުރެއް އަދާކުރަމުންނެވެ. އެ ގޮތުން އިޒްރޭލުގެ ޕެގަސޫސް ޕްރޮގްރާމް ބޭނުންކޮށްގެން އަލްޖީރިއާގެ އިސް ވެރިންނަށް ޖާސޫސް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެ ގައުމުގެ ގުޅުން ކަނޑައިލުމަށް އަލްޖީރިއާ އިން ނިންމި ނިންމުމަށް ރައްދު ދެމުން މޮރޮކޯ އިން މިއަދު ބުނީ، އަލްޖީރިއާގެ ނިންމުމާ މެދު ވަރަށް ހިތާމަކުރާ ކަމަށެވެ. ނަމަވެސް މިދިޔަ ހަފުތާތަކުގައި ދެ ގައުމުގެ ދެމެދުގައި ކަންތައް ހިނގައި ދިޔަ ގޮތަށް ބަލާއިރު، އަލްޖީރިއާ އިން އެފަދަ ފިޔަވަޅެއް އަޅައިފާނެ ކަމަށް ބެލެވުނު ކަމަށް ވެސް މޮރޮކޯ އިން ބުންޏެވެ.

މޮރޮކޯގެ ހާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަލްޖީރިއާ އިން ގުޅުން ކަނޑައިލި ކަމުގައި ވިޔަސް، އަލްޖީރިއާ ރައްޔިތުންނަށް އިހްލާސްތެރި ބައިވެރިއެއްގެ ގޮތުގައި މޮރޮކޯ އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން އަލުން ބަދަހިކުރުމަށް ވަރަށް ހިކްމަތްތެރިކަމާއެކު މަސައްކަތް ކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.