ސައޫދީ އަރަބިއްޔާގައި ސަލާން ޖަހާ މީހުން، އެއް އަހަރަށް ޖަލަށްލުމަށާއި އެއް ލައްކަ ރިޔާލުން ޖޫރިމަނާ ކުރެވޭ ގޮތަށް އެކުލަވައިލި ގާނޫނު އެ ގައުމުގެ ވަޒީރުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފި އެވެ.

ވަޒީރުންގެ މަޖިލީހުން އިއްޔެ ފާސްކުރި ގާނޫނުގައި ބުނާ ގޮތުން، ސައޫދީ އަރަބިއްޔާގެ އެއްވެސް ސަރަހައްދެއްގައި ސަލާން ޖަހައިފި ނަމަ، ނުވަތަ ސަލާން ޖެހުމަށް އެހީތެރިވެދީފި ނަމަ، ނުވަތަ ބަޔަކު ލައްވައި ސަލާން ޖަހުވައިފި ނަމަ، ނުވަތަ ވިޔަފާރީގެ އުސޫލުން ބަޔަކު ލައްވައި ސަލާން ޖަހުވާ ނަމަ، އެކަން ކުރި މީހަކު ނުވަތަ ބަޔަކު އެއް އަހަރަށް ޖަލަށް ލެވޭނެ އެވެ. ނުވަތަ 100،000 ރިޔާލުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ކުށުގެ ކުޑަބޮޑުމިނަށް ބަލައި، އެއް އަހަރަށް ޖަލަށް ލުމާއެކު، އެއް ލައްކަ ރިޔާލުން ޖޫރިމަނާ ކުރެވޭނެ އެވެ.

ސަލާން ޖެހުމަށް ބަޔަކަށް ހިތްވަރުދީ އެކަމަށް އެހީތެރިވެދީފި ނަމަ، އެކަމަށް ހިތްވަރު ދިން މީހާ ހަ މަސްދުވަހަށް ޖަލަށް ލެވޭނެ އެވެ. ނުވަތަ ގިނަވެގެން 50 ހާސް ރިޔާލުން ޖޫރިމަނާ ކުރެވޭނެ އެވެ. ނުވަތަ މި ދެ އަދަބު ވެސް ދެވިދާނެ އެވެ.

މި ގާނޫނު ބުނާ ގޮތުން ސަލާންޖެހުމުގެ ސަބަބުން ކުށްވެރިވީ ބިދޭސީއަކު ނަމަ، މި ގާނޫނުގައި ބުނާ އަދަބު ދިނުމުގެ އިތުރުން، އެމީހަކު މަސައްކަތް ކުރުމަށްޓަކައި ސައޫދީ އަށް އެތެރެ ނުވެވޭ ގޮތަށް، އެ މީހެއްގެ ގައުމަށް އަނބުރާ ފޮނުވައިލެވޭނެ އެވެ. ނަމަވެސް ސައޫދީން ބޭރުކޮށްލެވޭ މީހުންގެ ތެރޭގައި، ސައޫދީ އަންހެނުންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީ ފިރިހެނުންނެއް ނުހިމެނެ އެވެ.

ސައޫދީ އަރަބިއްޔާގައި ސަލާން ޖެހުމުގެ ކަންތައް އިތުރުވަމުން ދިއުމަށް ހުއްޓުމެއް ގެނައުމުގެ ގޮތުން ފާސްކުރި މި ގާނޫނު ބުނާ ގޮތުން، ސަލާން ޖެހުމުގެ ކުށަށް، މި ގާނޫނުގައި ބުނާ އަދަބު ދެވޭނީ، ސަލާން ޖަހަނިކޮށް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ހައްޔަރުކުރެވޭ މީހުންނަށެވެ. ސަލާން ޖެހުމުގެ ކުށުގައި މީހުން ހިފައި ހައްޔަރު ކުރުމުގެ ބާރު މި ގާނޫނުން ދީފައިވަނީ އެގައުމުގެ ދާހިލީ ވުޒާރާ އަށެވެ.

މި ގާނޫނު ބުނާ ގޮތުން، ސަލާން ޖަހައި އުޅޭ ސައޫދީ ރައްޔިތުންގެ އިޖްތިމާއީ، ސިއްހީ، ނަފްސާނީ އަދި އިގްތިސާދީ ހާލަތު ދެނެގަތުމަށްޓަކައި، ދާހިލީ ވުޒާރާ އާއި ކަމާ ގުޅުން ހުރި އެހެން އިދާރާތައް ގުޅިގެން، ދިރާސާއެއް ހަދަންޖެހޭނެ އެވެ. އަދި އެ ދިރާސާ ހެދުމަށް ފަހު، އެއިން ކޮންމެ މީހަކަށް އެ މީހެއްގެ ހާލަތާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން އެހީތެރިކަން ދޭންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

ސައޫދީ ސަރުކާރުގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި 2018 ވަނަ އަހަރުގެ ތެރޭގައި، ސަލާން ޖެހުމުގެ ކުށުގައި 2،710 ސައޫދީ ރައްޔިތުން ހައްޔަރުކުރެވުނެވެ. ސަލާން ޖަހައިގެން ހައްޔަރު ކުރި 2،710 މީހުންގެ ތެރެއިން 79 ޕަސެންޓް (2،140) މީހުންނަކީ އަންހެނުންނެވެ. ބާކީ 21 ޕަސެންޓް (570) މީހުންނަކީ ފިރިހެނުންނެވެ.