ވޯލްޑް ކަޕުގެ ބާނީ ޖޫލްސް ރިމޭ (ވ).
30 ނޮވެމްބަރ 2022 - 12:31
ފްރާންސްގެ ފުޓްބޯޅަ އެޑްމިނިސްޓްރޭޓަރު ޖޫލްސް ރިމޭ އަކީ މިއަދު މިދެކޭ ވޯލްޑް ކަޕުގެ ބައްޕަ އެވެ. ފީފާގެ ރައީސްކަން ކުރެއްވި ރިމޭގެ ކުރިން އިންޓަނޭޝަނަލް ފުޓްބޯޅައިގައި ފީފާގެ މާ ބޮޑު ހައިސިއްޔަތެއް ނެތެވެ. ފީފާ، 1904 ގައި އުފެދުމުގެ ކުރިން ވެސް، ރަސްމީ ސިފައެއްގައި ފުޓްބޯޅައިގެ ހަރަކާތްތައް ކުރިއަށް ދިޔަ އެވެ. އެގޮތުން އެންމެ ފުރަތަމަ އިންޓަނޭޝަނަލް މެޗެއް ކުޅެފައި ވަނީ 1872 ގައި އިންގްލެންޑާއި ސްކޮޓްލެންޑާ ދެމެދުގަ އެވެ. އޭގެ ފަހުން ފުރަތަމަ އިންޓަނޭޝަނަލް މުބާރާތް ބޭއްވުނީ ބްރިޓީޝް ހޯމް ޗެމްޕިއަންޝިޕްސްގެ ނަމުގައި އިނގިރޭސި ވިލާތުގެ ހަތަރު ގައުމު ކަމަށްވާ، އިންގްލެންޑާއި ވޭލްސް އާއި ސްކޮޓްލެންޑް އަދި އަޔަލެންޑްގެ މެދުގަ އެވެ.
އޭގެ ފަހުން އޮލިމްޕިކް ގޭމްސް ބާއްވައި ފުޓްބޯޅަ އެ ގޭމްސްގައި ނުރަސްމީކޮށް ހިމެނި އެވެ. މޮޅުވާ ޓީމަކަށް މެޑަލްއެއް ނުދެ އެވެ. ފީފާ އުފައްދައިގެން އެ ޖަމިއްޔާއިން ވަނީ އޮލިމްޕިކްސްގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ ގައުމުތައް ބައިވެރިކޮށްގެން 1906 ވަނަ އަހަރު ސްވިޒަލެންޑްގައި ފުޓްބޯޅަ މުބާރާތެއް ބާއްވަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު އެ މަސައްކަތް ކާމިޔާބެއް ނުވި އެވެ.
ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގެ ގޮތުގައި އޮލިމްޕިކް ގޭމްސްގެ ފުޓްބޯޅަ އިވެންޓް ފީފާއިން 1914 ގައި ބަލައިގަތީ އެ ގޭމްސްގެ ފުޓްބޯޅަ އިވެންޓް އިންތިޒާމު ކުރަން ފީފާ އާ ހަވާލު ކުރުމުންނެވެ. އެއީ ފީފާއިން އިންޓަނޭޝަނަލް ފުޓްބޯޅައިގެ ތެރެއަށް ފުރަތަމަ ވަދެވުނު ގޮތެވެ. އެކަމަކު އޮލިމްޕިކް ގޭމްސް އަކީ ފީފާގެ މުޅި ކޮންޓްރޯލް އޮންނަ ހަރަކާތަކަށް ނުވާތީ ފީފާއިން ދިޔައީ އަމިއްލަ މުބާރާތެއް ބޭއްވޭނެ ދުވަހަކަށް ބަލަމުންނެވެ.
އެ ހިޔާލު ތަންފީޒު ކުރުމުގެ މަސައްކަތް އެންމެ ބާރަށް ފެއްޓެވީ ރިމޭ 1921 ގައި ފީފާގެ ރައީސް ކަމާ ހަވާލުވުމަށްފަހު އެވެ. މަޑުޖެހިފައި އޮތް ފީފާގެ ހަރަކާތްތައް އޭނާގެ ދައުރުގައި ހަލުވި ކުރެއްވި އެވެ. ރިމޭ މަސައްކަތް ފެށީ އޮލިމްޕިކްސް އާ ނުބައްސައި ފީފާގެ އަމިއްލަ މުބާރާތެއްގެ ކުލަ ޖެއްސުމަށެވެ. މ
މޭ 1928 ގައި ނެދަލެންޑްސްގެ އެމްސްޓަޑަމްގައި ބޭއްވި ފީފާގެ ކޮންގްރެސް އަށް ހުށަހަޅައި، ފީފާގެ އަމިއްލަ މުބާރާތެއް "ފީފާ ވޯލްޑް ކަޕް" ގެ ނަމުގައި ބާއްވަން ފާސް ކުރި އެވެ. ވޯލްޑް ކަޕުގެ ފުރަތަމަ މުބާރާތް އޭގެ ދެ އަހަރު ފަހުން ބާއްވަން ކަނޑައަޅައި މުބާރާތް ބޭއްވުމުގެ ފުރުސަތު އުރުގުއޭ އަށް ދިނުމަށް ވެސް ރިމޭ ނިންމި އެވެ.
ވޯލްޑް ކަޕުގެ ޗެމްޕިއަނުންނަށް 1970 ވަނަ އަހަރުގެ ކުރިން ދެމުން އައި ޓްރޮފީ އަށް ކިޔަނީ ވެސް "ޖޫލްސް ރިމޭ ޓްރޮފީ" އެވެ.
އެކަމަކު ވޯލްޑް ކަޕަކީ އާމްދަނީ ލިބޭ އަދި މުޅި ދުނިޔޭގެ ސަމާލުކަން ލިބޭ މުބާރާތަކަށް ހެއްދެވީ 1974 ގައި ފީފާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ބްރެޒިލްގެ ޔޮއާ ހަވެލޭންޖް އެވެ. އޭނާގެ ދަށުން އެ މަސައްކަތުގައި އިސްކޮށް އުޅުއްވީ، އޭރުގެ ޖެނެރަލް ސެކްރެޓަރީ އަދި ފަހުން ރައީސްކަން ކުރެއްވި ސެޕް ބްލެޓާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފރވގތ
30 November 2022
މަ ހީކުރީ ހޮޅުއަށީ ނޫނީ ހޮޓަލެއްގަ ފޮނިކަނޑާން އިންނަ ދިވެހި މީހާ ދިން ހިޔާލެއް ކަމަށް...
ކާއްޑަ
30 November 2022
ޝުކުރިއްޔާ ރިމޭ.