އިޓަލީގެ ޗެމްޕިއަން އޭސީ މިލާނުން އާ ސީޒަނަށް ޓީމު ވަރުގަދަކުރަން ގެންނަން އެންމެ މަސައްކަތްކުރި ކުޅުންތެރިޔާ ކަމަށްވާ ބެލްޖިއަމްގެ ޗާލްސް ޑި ކެޓްލަރާ އިއްޔެ އެ ޓީމަށް ފަސް އަހަރުގެ މުއްދަތަކަށް ސޮއިކޮށްފި އެވެ.

ބެލްޖިއަމްގެ ކްލަބް ބްރޫޖް އަށް ކުޅެމުން އައި ޗާލްސް ގެންނަން މިލާނުން އެ ކްލަބާ އެކު ދިގު މުއްދަތެއް ވަންދެން މަޝްވަރާކުރި އެވެ. އެ ކްލަބުން އެންމެ ފަހުން އޭނާ ވިއްކާލަން އެއްބަސްވީ ބޯނަސްއާ އެކު 36 މިލިއަން ޑޮލަރަށެވެ.

އުމުރުން 21 އަހަރުގެ ކުޅުންތެރިޔާ އަކީ އެޓޭކުގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ކުޅުންތެރިޔެކެވެ. ބެލްޖިއަމް ގައުމީ ޓީމަށް 8 މެޗު ކުޅެދީފައިވާ ޗާލްސް އަކީ އެ ގައުމުގެ އެންމެ އުއްމީދީ އެއް ކުޅުންތެރިޔާ އެވެ.

އޭނާ އަކީ މިލާނުން މި ސީޒަނުގައި ގެނައި ބެލްޖިއަމްގެ ދެ ވަނަ ކުޅުންތެރިޔާ އެވެ. އަނެއް ކުޅުންތެރިޔަކީ ލިވަޕޫލުން ހިލޭ ޓްރާންސްފާއެއްގައި ގެނައި ފޯވާޑް ޑިކޮވް އޮރީގީ އެވެ. މީގެ އިތުރުން މިދިޔަ ސީޒަނުގައި ލޯން އުސޫލުން ބޯޑޯ އަށް ކުޅުނު އެޓޭކިން މިޑްފީލްޑަރު ޔާސީން އަދްލީ އާއި ޓޮރިނޯ އަށް ކުޅުނު ޓޮމާސޯ ޕޮގެބާ ވަނީ ސްކޮޑުގައި ހިމަނައިފަ އެވެ.

މިލާނުން އަންނަނީ ޗެލްސީގެ ވިންގާ ހަކިމް ޒިޔެޗް އާއި ލިލްގެ މިޑްފީލްޑަރު ރެނާޓޯ ސަންޗޭޒް ގެންނަން ވެސް މަސައްކަތްކުރަމުންނެވެ. މީގެ ތެރެއިން ސަންޗޭޒް ގެންނަނީ އެ ޓީމު ދޫކޮށް ބާސެލޯނާ އަށް ބަދަލުވި ފްރޭންކް ކެސިއޭގެ ބަދަލުގަ އެވެ. މީގެ އިތުރުން މިލާން ދޫކޮށް ލާޒިއޯ އަށް ބަދަލުވި ކެޕްޓަން އަލެސިއޯ ރޮމަނޮލީގެ ބަދަލުގައި ޑިފެންޑަރަކަށް ވެސް އަންނަނީ ބަލަމުންނެވެ.

ތަށި ދިފާއުކުރަން މިލާން ކުރާ މަސައްކަތުގައި އާ ސީޒަނުގެ ފުރަތަމަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ އުދިނޭސީއާ ދެކޮޅަށެވެ.