ވޯލްޑް ކަޕަށް ގަރުނެއް ފުރޭ އަހަރު ކަމަށްވާ 2030 ވަނަ އަހަރުގެ މުބާރާތް ބާއްވަން ދެކުނު އެމެރިކާގެ ހަތަރު ގައުމު ކަމަށްވާ އުރުގުއޭ، އާޖެންޓީނާ، ޕެރެގުއޭ އަދި ޗިލީ ގުޅިގެން ބިޑެއް ހުށަހަޅަން ނިންމައިފި އެވެ.

ދެކުނު އެމެރިކާގެ ފުޓްބޯޅަ ޖަމިއްޔާ، ކޮންމެބޯލްގެ އަމާޒަކީ ވޯލްޑް ކަޕް 1930 ވަނަ އަހަރު ފެށި ބައްރަށް މުބާރާތް އަލުން ގެނައުމެވެ. އެ އަހަރުގެ މުބާރާތް އޮތީ އުރުގުއޭ ގަ އެވެ.

ކޮންމެބޯލްގެ ރައީސް އަލެހަންދްރޯ ޑޮމިންގުއޭޒް ވިދާޅުވީ މިއީ ބައްރެއްގެ އުއްމީދެއް ކަމަށެވެ.

"ބައިވަރު އެހެން ވޯލްޑް ކަޕް އޮންނާނެ. އެކަމަކު 100 އަހަރު ފާހަގަކުރެވޭނީ އެންމެ ފަހަރަކު،" އޭނާ ވިދާޅުވި އެވެ.

އުރުގުއޭގެ ސްޕޯޓްސް މިނިސްޓަރު ސެބަސްޓިއަން ބައުޒާ ވިދާޅުވީ ބައިނަލްއަގްވާމީ ބައެއް ބޭންކުތަކުން ބިޑަށް އެހީތެރިވާން ހުށަހަޅާފައިވާ ކަމަށެވެ.

މި ބިޑް ފީފާ އަށް ރަސްމީކޮށް ހުށަހަޅާނީ އަންނަ އަހަރުގެ މޭ މަހު އެވެ. ވޯލްޑް ކަޕް ބާއްވާނެ ގައުމެއް ކަނޑައަޅާނީ ދުނިޔޭގެ ހުރިހާ ގައުމެއްގެ މެދުގައި ނަގާ ވޯޓަކުން 2024 ގަ އެވެ.

ވޯލްޑް ކަޕް ބާއްވަން ހުށަހަޅާނެ ކަމަށް ބެލެވޭ ބިޑުތައް

- މޮރޮކޯ

- ރޫމޭނިއާ، ގްރީސް، ބަލްގޭރިއާ، ސާބިއާ

- ސްޕެއިން، ޕޯޗުގަލް

- ޗައިނާ

- ސައޫދީ އަރަބިއާ، އިޓަލީ

- އިސްރާއީލް، ޔޫއޭއީ، ބަހުރޭން

- އޮސްޓްރޭލިއާ، ނިއުޒީ ލެންޑް

އެންމެ އަވަހަށް އޮތީ މި އަހަރުގެ ނޮވެމްބަރު މަހު ގަތަރުގައި ފަށާ ވޯލްޑް ކަޕެވެ. އޭގެ ފަހުން 2026 ގައި ވޯލްޑް ކަޕް އޮންނާނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގަ އެވެ.

އެ މުބާރާތުން ފެށިގެން ވޯލްޑް ކަޕް އޮންނާނީ 48 ޓީމުގެ މެދުގަ އެވެ.

މުބާރާތް އުރުގުއޭގައި 1930 ގައި ބޭއްވީ އެންމެ 13 ޓީމުގެ މެދުގަ އެވެ. އެ ފަހަރު މުބާރާތް އޮތީ އުރުގުއޭގެ ވެރިރަށް މޮންޓެވީޑިއޯގެ އެންމެ ތިން ސްޓޭޑިއަމުގަ އެވެ.