ބާސެލޯނާ (ޖެނުއަރީ 13) – ބާސެލޯނާގެ ފުޓްބޯޅައިގެ ސްޓައިލް ބަދަލުކުރުމުގައި މުހިއްމު ދައުރެއް އަދާކުރެވުމަކީ ކެރިއަރުގެ އެންމެ ފަހުރުވެރިވާ މަސައްކަތް ކަމަށް އެ ޓީމުގެ ލެޖެންޑް ރޮނާލްޑީނިއޯ ބުނެފި އެވެ.
ޕީއެސްޖީން 2003 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވެ ރޮނާލްޑީނިއޯ ވަނީ އެ ޓީމާ އެކު ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް އަދި ދުނިޔެ އާއި ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ.
ރޮނާލްޑީނިއޯ ޝާއިއުކުރި ސިޓީއެއްގައި ލިޔެފައިވާ ގޮތުގައި އޭނާ ސްޕެއިނަށް ބަދަލުވިއިރު އެ ގައުމުގެ ފުޓްބޯޅައިގެ ބާރަކީ ރެއާލް މެޑްރިޑް ކަމަށާއި އޭނާ އެ އެ ގައުމު ދޫކޮށްދިޔަ އިރު ހުރިހާ ކުދިންގެ ހުވަފެނަކީ ބާސެލޯނާ ސްޓައިލަށް ކުޅުން ކަމަށެވެ.
ރޮނާލްޑޯ ބާސެލޯނާއާ ގުޅުނުއިރު ޒައިނުއްޒީދާން ޒިދާނާއި ރޮނާލްޑީނިއޯ އާއި ލުއިސް ފީގޯ ފަދަ ކުޅުންތެރިންނާ އެކު ރެއާލް މެޑްރިޑް އޮތީ ޔޫރަޕުގެ އެންމެ އުހުގަ އެވެ.
"އަހަރެން ސްޕެއިނަށް ދާއިރު ސްޕެއިން ފުޓްބޯޅައިގެ ބާރަކީ ރެއާލް މެޑްރިޑް. އަހަރެން އެންމެ ފަހުރުވެރިވާނެ ކަމަކީ އަހަރެންގެ ކުޅުމުން ބާސެލޯނާގެ ކުޅުމުގެ ސްޓައިލް ބަދަލުކޮށްދިނުން،" ރޮނާލްޑީނިއޯ ލިޔެފައިވެ އެވެ. "އެނބުރި ދިޔައިރު ކުޑަކުދިންގެ ހުވަފެނަކީ ބާސެލޯނާ ކުޅޭ ސްޓައިލަށް ކުޅުން."
ޔޮހާން ކްރައިފްގެ ކޯޗުކަމުގެ ދަށުން ބާސެލޯނާ އިން މަޝްހޫރު ޓިކި-ޓަކާ ނުވަތަ ޕާސިން ގޭމް ކުޅުނު އިރު އެ ސްޓައިލް ގެއްލިފައިވަނިކޮށް އަލުން ގެނައީ ފްރޭންކް ރައިކާޑުގެ ކޯޗުކަމުގެ ދުވަސްވަރެވެ. ރޮނާލްޑީނިއޯ އަކީ ރައިކާޑުގެ ގޭމްޕްލޭނުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ.