ބާސެލޯނާ ފައިނަލަށް، ސުއަރޭޒް ސަސްޕެންޑް

ބާސެލޯނާ (ފެބްރުއަރީ 8) - ސްޕެނިޝް ކަޕްގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެ، ބާސެލޯނާ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިރު މެޗުގެ ފަހު ވަގުތުގައި ދެއްކި ރަތް ކާޑާ އެކު ބާސެލޯނާގެ ލުއިސް ސުއަރޭޒަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ އެވެ.


ބާސެލޯނާ އިން ވަނީ ސުއަރޭޒްގެ ސަސްޕެންޝަން އިސްތިއުނާފް ކުރާނެ ކަމަށް ބުނެފަ އެވެ.

ބާސެލޯނާ ކުރި ހޯދީ އެގްރިގޭޓަށް ބަލާއިރު 3-2 އިންނެވެ. އެތުލެޓިކޯ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ ވަނީ 2-1 އިން މޮޅުވެފަ އެވެ.

ރޭގެ މެޗުގައި ބާސެލޯނާ އަށް މެޗުގެ ފުރަތަމަ ހާފްގައި ލީޑު ނަގައިދިނީ ސުއަރޭޒެވެ. އެހެން ނަމަވެސް ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 12 ވަނަ މިނިޓް ތެރޭގައި ދެ ވަަނަ ރީނދޫ ކާޑާ އެކު ބާސެލޯނާގެ ސާޖީ ރޮބާޓޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކި އެވެ.

ބާސެލޯނާ ކުޅުންތެރިޔަކު މަދުވުމުގެ ފައިދާ ނަގައި އެތުލެޓިކޯގެ އެންޓޮއިން ގްރީޒްމަން ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ އެ ގޯލު އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

އެތުލެޓިކޯ އަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 69 ވަނަ މިނިޓްގައި، އެ ޓީމަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް ޔަނިކް ފެރޭރާ ކަރަސްކޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ކަރަސްކޯ އަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ ބާސެލޯނާގެ އާޑާ ޓުރާން އަށް ފައުލު ކުރުމުންނެވެ.

މެޗުގެ 80 ވަނަ މިނިޓްގައި މެޗުގެ ނަތީޖާ ހަމަހަމަ ކުރަން އެތުލެޓިކޯގެ ފްރާންސް ފޯވާޑް ކެވިން ގަމޭރޯ ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އެހެން ނަމަވެސް އޭގެ ތިން މިނިޓް ފަހުން ގަމޭރޯ ވަނީ އެތުލެޓިކޯ އަށް އެއްވަރުކޮށްދީފަ އެވެ. ގަމޭރޯ މި ލަނޑު ޖެހީ ގްރީޒްމަން ދިން ބޯޅައަކުންނެވެ.

ބާސެލޯނާ އަށް ދެ ވަނަ ފަހަރަށް މެޗުގެ 86 ވަނަ މިނިޓްގައި ސުއަރޭޒް ލީޑު ނަގައިދިން ނަމަވެސް ރެފްރީ އެ ލަނޑު ގަބޫލެއް ނުކުރެ އެވެ. މެޗުގެ އިތުރު ވަގުތުގައި ސުއަރޭޒް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކީ އެތުލެޓިކޯގެ މިޑްފީލްޑަރު ކޯކޭ އަށް ފައުލުކުރުމުންނެވެ.

އަންނަ މޭ މަހު ކުޅޭ ފައިނަލުގައި ބާސެލޯނާ ނުކުންނާނީ ދެ ވަނަ ސެމީ ފައިނަލުގައި އަލަވޭސް އާއި ސެލްޓަ ވިގޯ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.